ޒިކާބަލީގެ ނުރައްކާ އޮތްކަމަށް ބުނެ ރާއްޖެ އަށް ނާންނަން ޗައިނާ މީހުންނަށް އިންޒާރު ދީފި

3 ނޮވެމްބަރު 2016 0

ޒިކާ ބަލީގެ ނުރައްކާ ދިވަހިރާއްޖޭގައި އޮތް ކަމަށް ބުނެ ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖެ އަށް ނާންނަން ޗައިނާ މީހުންނަށް އެ ގައުމުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސުޕަވިޒަން، އިންސްޕެކްޝަން އެންޑް ކަރަންޓީން އިން އިންޒާރު ދީފި އެވެ.

ޖީއޭއެސްއައިކިއުގެ ރަސްމީ ވެބުސައިޓުގައި މިމަހުގެ 1 ވަނަ ދުވަހު މި އިންޒާރުގެ ނޯޓިސް ޝާއިޢުކޮށްފައިވާ ކަމަށް ޗައިނާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އަދި މިއިންޒާރު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ދެމިގެން ދާނެ އެވެ.

ޗައިނާއިން މި ފަދަ އިންޒާރެއް ނެރެފައި މިވަނީ ޒިކާ ވައިރަސް އުޅޭ ކަމަށް ބެލެވޭ ގައުމުތަކުގެ ލިސްޓުގައި ސެޕްޓެމްބަރު މަހު 29 ވަނަ ދުވަހުން ފެށިގެން  ދިވެހި ރާއްޖެ ހިމަނާފައިވާ ކަމަށް ޑަބުލިޔު އެޗް އޯ އިން ބުނެފައި ވަނިކޮށެވެ.

ރާއްޖެއަށް ދަތުރުކުރާ ނަމަ، މަދިރި ނުހަފާނެ ފަދަ ގޮތަކަށް ހެދުން އެޅުމަށް ޖީއޭއެސްއައިކިއު އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޒިކާ އަކީ މާބަނޑު މީހުންނަށް ނުރައްކާތެރި ވައިރަސްއަކަށް ވުމުން މާބަނޑު މީހުން ރާއްޖެއާއި ޒިކާ އުޅޭ ކަމަށް ބެލެވޭ އެހެން ގައުމުތަކަށް ނުދިއުމަށް ވެސް އިންޒާރުގައިވެ އެވެ.

ޖީއޭއެސްއައިކިއުގެ އިންޒާރާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ހަބަރު ފަތުރާ ވަސީލަތް ތަކުން ފާހަގަ ކުރެވެއެވެ. 2010 ވަނަ އަހަރުން ފެށިގެން ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓުރީ ގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ގައުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ