ދައުރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ ލޭންޑުޔޫސް ޕުލޭން ނިންމާލުމަށް އައު ކައުންސިލުން އަމާޒު ހިފައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކައުންސިލްގެ މިދައުރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އިހަވަންދޫގެ ލޭންޑުޔޫސްޕުލޭން ނިންމާލުމަށް ކައުންސިލުން އަމާޒު ހިފައިފިއެވެ.

އެމްޓީސީސީން  އިން ހއ. އިހަވަންދޫ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި އިއްޔަ ހަވީރު އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙު ވިދާޅުވީ ކައުންސިލްގެ އައު ދައުރަކާ ހަވާލުވިއިރު އެންމެ ބޮޑަށް ދަތިވެފައި ވަނީ އިހަވަންދޫގައި ލޭންޑު ޔޫސް ޕުލޭނެއް ނެތުން ކަމަށެވެ. މިކައުންސިލްގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އިހަވަންދޫގެ ލޭންޑު ޔޫސް ޕުލޭނެއް ހަދާނެ ކަމަށް ޞަބާޙު ވިދާޅުވިއެވެ.

“އިހަވަންދޫ ތަރައްޤީވެގެންދާއިރު އަޅުގަނޑުމެން ބޭނުން ކުރިއަށް އޮތް 20 އަހަރަށް އަދި 30 އަހަރަށް ވެސް އިހަވަންދޫ އޮންނާނެ ގޮތުގެ މަންޒަރު ރައްޔިތުންނަށް ދައްކުވާދޭން” ޞަބާހު ވިދާޅުވިއެވެ. ޞަބާހު ވަނީ ރަށުގެ ލޭންޑުޔޫސް ޕުލޭނެއް ނެތުމުން ކައުންސިލުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ޞަބާހު ވިދާޅުވިއެވެ. ލޭންޑުޔޫސް ޕުލޭނެއް ހަދާ ބަނދަރުމަތީގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ތަރުތީބު ކުރާނެ ކަމަށް ސަބާހު ވިދާޅުވިއެވެ. މިގޮތުން ދޯނި ފަހަރާއި ބޯޓު އަދި ފެރީ އަށް ފަސޭހަ ކަމާއެކު ބަނދަރު ބޭނުންކުރުމާ މުދާ ބޭލުމުގެ ފަސޭހަ އިންތިޒާމެއް ފަޅުގެ މަސައްކަތް ނިމުމާއެކު ހަމަޖައްސާނެ ކަމަށް ޞަބާހު ވިދާޅުވިއެވެ. ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެކަން ފާހަގަކުރައްވަމުން މަސްވެރިންނަށް ފަސޭހަކަމާއެކު ދޯންޏަށް އައިސް ލެވޭނެ މަގު ބަނދަރުގެ މަސައްކަތް ނިމުމުން ފަހިވެގެން ދާނެ ކަމަށްވެސް ޞަބާހު ވިދާޅުވެފައި ވެއެވެ.