ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އިހަވަންދޫއަށް ވަޑައިގެންނެވި ޓީމަށް ހޫނު މަރުޚަބާއެއް

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފު އިހަވަންދޫގައި ބަނދަރު ކޮށްފިއެވެ.

ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް މަހާ ޖައްރާފު މިއަދު ހަވީރު އިހަވަންދޫއަށް ކުރި ދަތުރުގައި ސަރުކާރު ހިންގާ ޕަޓީ، އެމްޑީޕީގެ އިހަވަންދޫ ގޮފީގެ ފަރާތުން ވަނީ ދިދަފަތިތަކުން ޒީނަތްތެރިކޮށްފައިވާ މަސްދޯނިފަހަރުގައި ހއ. ގައްލަންދޫއާ ހަމައިން މަހާޖައްރާފާ ގުޅި ކަނޑުމަތިން މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތުގައި ބައިވެރިވި މަސްދޯނިތައް ވަނީ ކަނޑުމަތިން މަހާޖައްރާފާ ގުޅި އެކުގައި އިހަވަންދޫ ބަނދަރާ ހަމައަށް ދަތުރުކޮށްފައެވެ.

މަހާޖައްރާފު އިހަވަންދޫގެ ބަނދަރު ތޮއްޓާ ހަމައަށް އައުމުން ވަނީ އިހަވަންދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ފަރާތުން މަހާޖައްރާފުގައި ދަތުރުކުރި ފަރާތްތަކަށް މަރުޚަބާ ދެންނެވުމަށް ފަރިވަޅެއް އަރުވާފައެވެ. ކުލަބު ޕޯލްސްޓަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މިހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ސަގާފީ ކުޅިވަރެއް ކަމުގައިވާ ވެދުމާދިއުމާއިއެކު އެވެ. މިވަގުތު ވަނީ އިމަގު ޖަމިއްޔާގެ އެހީތެރިކަމާއެކު ބަނދަރުމަތީގައި އާއިލީ ހަވީރެއް ކުރިއަށްގެންގޮސްފައެވެ.

ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަހާޖައްރާފު އިހަވަންދޫއަށް ބަނދަރުކުރުން ފާހަގަ ކުރުމަށް ބޭއްވި މަރުޚަބާ ދެއްނެވުމުގެ ހަރަކާތުގައި އިހަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މިއަދުގެ ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫގެ ބިން ހިއްކުމަށްޓަކައި އިހަވަންދޫގައި ބަނދަރުކުރި މަހާޖައްރާފުގައި ހުންނަވައި ދެއްވި ބަސްދީގަތުމެއްގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޝިފާޢު ވިދާޅުވީ މިއަދަކީ އިހަވަންދޫގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ކުރަމުންއާ އިންތިޒާރެއްގެ ނިމުން ގެނެސްދިން ދުވަހެއް ކަމަށެވެ.

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޞަބާޙު ވަނީ އިހަވަންދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވަމުން، އިހަވަންދޫން ބިން ހިއްކުމާއެކު ސަރުކާރުން އިހަވަންދޫއަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަގުފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ. ހިއްކާ ބިމުގައި ސިނާއީ ސަރަހައްދުތައް ތަރައްޤީ ކުރެވި، އިހަވަންދޫއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކުނިގޮނޑުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިހަވަންދޫއަށް މިއަދު ލިބުނު އުފަލުގައި އެންމެހާ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ރައީސް އެދިލެއްވިއެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، 10 ނޮވެމްބަރ 2020 ގައި އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 123,960,847.77 (ސަތޭކަ ތޭވީސް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ ސަތުހަތްތަރި ލާރި) އަށް އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ.

ޢަބްދުﷲބެ

މިސަރުކާރަކުން އިސްކޫލު ކުދިން ނުނެރޭނެ. ލޮލް