ކޮވިޑު 19

އިހަވަންދޫ މޮނިޓަރިން އަށް ލައިފި

މަރިޔަމް

ހއ. އިހަވަންދޫއަށް އަރާފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕުރޮޓެކްޝަން އޭޖެންސީ އިން އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި މިވަނީ މިދިޔަ ހުކުރު ދުވަހު  ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި 4 މީހުން ކޮވިޑަށް ފައްސިވެފައިވަނިކޮށް އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު މިރޭ ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

މިރޭ ކޮވިޑަށް ފައްސިވެފައިވާ 2 މީހުންނަކީވެސް ކުޑަހުވަދޫން އިހަވަންދޫއަށް އައި މީހުންނާ ކޮންޓެކްޓް ވެފައިވާތީ އޯގަސްޓް 14 ވީ ހުކުރު ދުވަހުގެ ރެއިން ފެށިގެން އައިސޮލޭޓު ކޮށްފައިތިބި މީހުންގެ ތެރެއިން 2 މީހުންނެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް މުޙައްމަދު އަކްރަމް މިނޫހަށް މިނޫހަށް މައުލޫމާތު ދެއވަމުން ވިދާޅުވީ ކުޑަހުވަދޫގެ ކުލަސްޓާއާ ގުޅިގެން އިހަވަންދޫގެ 2 ގެއެއް ކަރަންޓީނު ކޮށް، ޖުމުލަ 18 މީހަކު އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ. މިރޭ ކޮވިޑަށް ފައްސިވި ފަރާތްތަކުގެ ކޮންޓެކްޓް ޓުރޭސިންގް ގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ މިހާލަތުގައި އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި އަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.