ކޮވިޑު 19

އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 9 އަކަށް އަރައިފި

އިބްރާހިމް ނަޝީދު

ހއ. އިހަވަންދޫން ކަރަންޓީނުގައި ނެތްބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ރަށުގެ ހާލަތު ވަޒަންކުރުމަށް ނެގުނު ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ސާމްޕަލް އެއް ކޮވިޑަށް ފައްސިވެއްޖެއެވެ. މިއަދު ވަނީ އިހަވަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ފައްސިވެފައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް މުޙައްމަދު އަކްރަމް މިނޫހަށް  މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ކޮވިޑަށް ފައްސިވި ރެންޑަމް ސާމްޕަލް އަކީ އޯގަސްޓު 13 ވީ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް ދަތުރު ކުރި 4 ފަރާތެއް  ކޮވިޑަށް ފައްސިވެ، އެފަރާތްތަކާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހުން ކޮވިޑަށް ފައްސިވުމާ ގުޅިގެން އެމީހުންނާ ކޮންޓެކްޓްވެފައި ވެދާނެތީ  އައިސޮލޭޓު ވެފައި ހުރި ފަރާތެއް ކަމަށެވެ. މިފަރާތުގެ ޑައިރެކްޓު ކޮންޓެންޓުންގެ ގޮތުގައި އޭނާގެ ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު ނެތްކަން ފާހަގަ ކުރައްވަމުން އަކްރަމް ވިދާޅުވީ އެގެ މިހާރު ކަރަންޓީނު ކޮށްފައިވާނެ ކަމަށެވެ.

މިއަދު ދެން ކޮވިޑަށް ފައްސިވެފައިވަނީ ކުޑަހުވަދޫ ކުލަސްޓަރގެ ޑައިރެކްޓް ކޮންޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާތީ އޯގަސްޓު 14 ވަނަ ދުވަހުން ފެށިގެން ކަރަންޓީނުކޮށްފައި ހުރި ފަރާތެކެވެ. މިއަދު އިހަވަންދޫން ކޮވިޑަށް ފައްސިވި 2 މީހުންނާއެކު މިވަގުތު އިހަވަންދޫގައި ތިބި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 9 އަކަށް އަރާފައެވެ.

މިއަދު ފައްސިވި ރެންޑަމް ސާމްޕަލް އަކީ މިމަހުގެ 18 ވަނަ ދުވަހު ނެގުނު 50 ރޭންޑަމް ސާމްޕަލްގެ ތެރެއިން ފައްސިވި ސާމްޕަލް އެކެވެ. ރަށުގެ ހާލަތު ދެނެގަތުމަށްޓަކައި އިއްޔެވެސް ސިއްޙީމަރުކަޒުން ވަނީ 50 ރެންޑަމް ސާމްޕަލް ނަގާފައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު ވަނީ މި އޯގަސްޓު މަހުގެ 13 ވީ ހުކުރުދުވަހުގެރޭ 8:00 އިން 10:00 އަށް އަދި 14 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އިން އެރޭ 10:00 އަށް އިހަވަންދޫގެ އޭސެވަން ޕުލާޒާ ފިހާރައަށް ޒިޔާރަތްކުރި މީހުން މަރުކަޒަށް އެނގުމަށް އެދިފައެވެ. މިގަޑިތަކުގައި އޭސެވަން ޕުލާޒާ ފިހާރައަށް ޒިޔާރަތްކުރި ފަރާތްތަކުން ސިއްހީމަރުކަޒުގެ ފޯން ނަންބަރު 9930501 އަށް ގުޅުއްވައި ނޯޓު ކުރެއްވުމަށް މަރުކަޒުން އެދިލައްވައެވެ.

ކުޑަހުވަދޫ ކުލަސްޓަރއާ ގުޅިގެން އޯގަސްޓު 16 ވަނަ ދުވަހުގެ ރެއިން ފެށިގެން އިހަވަންދޫ ވަނީ މޮނިޓަރިންއަށް ލާފައެވެ.