ކޮވިޑު 19

އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ

މަރިޔަމް

ހއ. އިހަވަންދޫން ކޮވިޑުގެ ކޭސްތައް ފެންނަމުންދާއިރު މިއަދުވެސް ފުލޫ ސާމްޕަލް ތަކެއް ކޮވިޑަށް ފައްސިވެއްޖެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ދާދި ދެންމެ ހާމަކޮށްފައިވާ ނަތީޖާ ތަކަށްބަލާއިރު، މިހާތަނަށް 26 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއަދު ފައްސިވެފައިވަނީ ރޯގާގެ އަލާމަތްތައް ހުރެގެން ނެގުނު ފުލޫގެ 5 ސާމްޕަލް އާއި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ޑައިރެކްޓު ކޮންޓެކްޓްވެފައިވާތީ ނެގުނު 4 ސާމްޕަލްއެވެ.

ރަށުގައި މިވަގުތު ކޮވިޑު ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި ކޮންޓެކްޓުވިކަމުގެ ރެކޯޑު ނެތި ރޯގާގެ އަލާމާތްތައް ފެނިގެން ނެގޭ ފުލޫސާމްޕަލްތައް ކޮވިޑުބައްޔަށް ޕޮޒިޓިވް ވަމުންދިޔުމަކީ ރަށުގައި ބަލި އޮތްކަން އަންގައިދޭ ކަމެއް ކަމަށް ސިއްހީމަރުކަޒުން ވަނީ ހާމަކޮށްފައެވެ. ރަށުގައި ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މިއަދު އެމަރުކަޒުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނުނުކުންނެވުމަށާއި ގިނަމީހުން އެއްވެ ހިންގޭ ހަރަކާތްތަކުގައި ބައިވެރިވެނުލެއްވުމަށް އެދިފައެވެ. އަދި ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ސިއްހީމަރުކަޒަށް ނައިސް 6500501 އަށް ގުޅުއްވައިގެން ޓެލެކޮންސަލްޓޭޝަން ހެއްދެވުމަށްވެސް އެމަރުކަޒުން އެދިލައްވާފައި ވެއެވެ.