ކޮވިޑު 19

އިހަވަންދޫ މޮނިޓަރިން އަށް ލައިފި

މަރިޔަމް

ހއ. އިހަވަންދޫ މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިހަވަންދޫ މޮނިޓަރިން އަށް ލާފައި ވަނީ އިހަވަންދޫން ކޮވިޑުގެ ބަލިމީހުން ގިނަ އަދަދަކަށް ފެންނަމުން ދާ ދަނޑިވަޅެއްގައެވެ.

މިގޮތުން މިއަދު އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ޑިސެމްބަރުމަހުގެ 29 އަދި 30 ގައި ނެގި ސާމްޕަލް ތަކުގެ ނަތީޖާ ލިބުނު އިރު ޖުމުލަ 13 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިވަގުތު އިހަވަންދޫގައި ކޮވިޑުބަލީގެ 46 މީހަކު ތިބިއިރު، އާމިނާދިޔޯ ސިއްހީމަރުކަޒުގައި ގާއިމުކޮށްފައިވާ ކޮވިޑު ފެސިލިޓީގައި ދަނީ ބަލި ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުންނެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިރޭވެސް ވަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައެވެ. މިރޭ ޖުމުލަ 43 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން ހާމަކޮށްފައި ވެއެވެ.

އިހަވަންދޫ މޮނިޓަރިންއަށްލުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ކުރެއްވި ޕޯސްޓެއްގައި ވަނީ މީރަށުގެ ހާލަތުން އަރާގަތުމަށް އެއްމެންއަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތުކަމަށް ބުނެފައެވެ.