ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 35 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓުރާންސްޕޯޓު އެންޑު ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީގެ ރަސްމީ ފޭސްބުކު އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 51.72 މިލޔަން ރުފިޔާގެ މަޝްރޫއެއް ކަމަށް މީގެ ކުރިން އެމްޓީސީސީން ހާމަކޮށްފައިވީނަމަވެސް މިއަދު އެމްޓީސީން ބުނެފައި ވަނީ މި މަޝްރޫޢުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.