ސީ.ޕީ.އެސް ގެ ވޮލީ މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

އިބްރާހިމް ނަޝީދު

މިއަހަރުގެ ތެރޭގައި ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ކުރިއަށް ގެންދާ ދެވަނަ ވޮލީ ބޯޅަ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިހާރު ކުރިއަށްދަނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ.

44 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނާއި އަޕަރނޯތު ޕޮލިސް ޑިވިޜަނާއި އިމަގު އަދި ސީ.ޕީ.އެސް އާ ގުޅިގެން ޕޮލިސް ކުލަބުން ކުރިއަށް ގެންދިޔަ ވޮލީ ޓްރެއިނިންގ ކޭމްޕުގެ ބައިވެރިންގެ ފެންވަރު ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 4 ޓީމު ވަނީ ބައިވެރި ވެފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ ރޭ ބައްދަލުކުރީ ވީވަރު ޓީމާއި ހެލޯ ހައި ބައި ބައި ޓީމެވެ. މިމެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ވީވަރު ޓީމެވެ. މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ރިލެކްސް އަދި ދޮންހިލަ ޓީމެވެ. މިމެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ރިލެކްސް ޓީމެވެ. އަދި މުބާރާތުގެ 3 ވަނަ މެޗުގައި ރޭ ދޮންހިލަ ޓީމާއި ހަލޯ ހައި ބައި ބައި ބައްދަލުކުރި މެޗް 3 ސެޓު 1 ސެޓުން ކާމިޔާބުކުރީ ހަލޯ ހައި ބައި ބައި ޓީމެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ 4 ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ރިލެކްސް ޓީމާއި ވީވަރު ޓީމެވެ. އަދި މުބާރާތުގެ 5 ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ރިލެކްސް ޓީމާއި ހަލޯ ހައި ބައި ބާއީ ޓީމެވެ. މިމެޗުތަކުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ބޮޑުއިރު މުބާރާތުގެ ފައިންލަ މެޗް ކުޅެން ހަމަޖެހިފައިވަނީ 3 އޮކްޓޯބަރ ވާ ބުދަ ދުވަހު ހަވީރު އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ފަށާނެ ވަކިތާރީޙެއް އަދި ހަމަޖެހިފައި ނުވާކަމަށް ކުލަބު ސީ.ޕީ.އެސް އިން މައުލޫމާތު ދެއެވެ.