އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް އަދި ރަނަރަޕް ޓީމް ނައިވާދޫ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވެއްޖެ

މުޙައްމަދު އަކުރަމް

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގެ ޗެމްޕިއަން  ޔުނައިޓެޑް ޔޫތް އަދި އެމުބާރާތުގެ ރަނަރަޕް، ޓީމް ނައިވާދޫ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެއްޖެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ޔޫތްއެވެ. އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި ޓީމް ނައިވާދޫ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް މިމުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ އެފްސީ ބޮޑުމަގު، ޔުނައިޓެޑް ޔޫތް، ސެންސިޓީ އަދި ޓީމް ނައިވާދޫއެވެ.

މިއަހަރުގެ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރެވޭނީ ސާކް ވެބްސައިޓް މެދުވެރިކޮށެވެ. ސާކް ގެ ވެބްސައިޓް އެޑްރެހަކީ sarc.mv އެވެ. ސާކްގެ ވެބްސައިޓް ލޯންޗް ކޮށްފައިވާއިރު، އެޖަމިއްޔާގެ ވެބްސައިޓުން ގިނަ މައުލޫމާތު ލިބެން ހުރެއެވެ. އެގޮތުން އެޖަމިއްޔާއިން ކުރިޔަށްގެންދާ މުބާރާތްތަކާއި ގުޅޭ އެންމެފަހުގެ ތަފްސީލްތައް ލިބޭއިރު، އެޖަމިއްޔާއިން ކުރިންހިންގި މުބާރާތްތަކުގެ ސްޓޭޓިސްޓިކްސްވެސް ލިބެން ހުރެއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރަށު ކައުންސިލްތަކަށާއި، އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތަކީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ކުރީއަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކަށް ބައިވެރިއެއް ނުވެވެއެވެ.

މިއަހަރު ބާއްވަން އިޢުލާންކޮށްފައިއެވަނީ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ދެވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ދޭ ފައިސާގެ އިނާމުވަނީ 25 ހާހުން 30 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމުވަނީ 7 ހާހުން 10 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ.