އެޗްއާރްއެފް ވޮލީ ލީގު: ކެލާ ބަލިކޮށް އިމަގަށް ހިންހަމަޖެހުމެއް

.

އެޗްއާރްއެފް ވޮލީ ލީގުގައި އިމަގު ޖަމިއްޔާއިން ކުޅުނު 4 ވަނަ މެޗްގައި ޓީމް ކެލާ ބަލިކޮށްފިއެވެ. މިމެޗުން އިމަގު މޮޅުވީ، 3 ސެޓް 1 ސެޓުން ޓީމް ކެލާގެ މައްޗަށް ކުރިހޯދައިގެންނެވެ.

އިއްޔަ ހަވީރު ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު މިމެޗްގެ ސެޓްތައް އިމަގުން ކާމިޔާބުކުރީ 25-21، 25-23 އަދި 25-22 އިންނެވެ. ކެލާ އިން ތިންވަނަ ސެޓް ގެންދިޔައީ 25-19 އިންނެވެ.  މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އިމަގު ޖަމިއްޔާގެ ބިދޭސީ ކުޅުންތެރިޔާ ގަގަންދީޕް ސިންގެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިމަގަށް ބާކީ ދެންއޮތީ އެއް މެޗެވެ. އެމެޗްގައި މިމަހުގެ 3 ވަނަ ދުވަހު އިމަގު ނުކުންނާނީ ހޯރަފުށި ޕޮލިހާ ދެކޮޅަށެވެ. އިމަގުން މިހާތަނަށް މިމުބާރާތުގައި 4 މެޗް ކުޅެފައިވާއިރު، 3 މެޗުން ވަނީ މޮޅުވެފައެވެ.

ޖުމަލަ 6 ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ގްރޫޕް ސްޓޭޖުން 2 އަދި 3 ވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް  ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި  ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި  ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.