އިހަވަންދޫ ކައުންސިލުން ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމް މިރޭ ހުޅުވަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ޤާއިމްކޮށްފައިވާ  އައުޓްޑޯ ޖިމް މިރޭ ހުޅުވަން ނިންމައިފިއެވެ. އިހަވަންދޫ ޣާޒީ ދަނޑުގެ އުތުރުން، ފެނަކަ ޓްރާންސްފޯމަރުގެ އިރުމައްޗަށް ވާގޮތައް ހަދާފައިވާ އައުޓްޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:15 ގައެވެ.

ކައުންސިލުން ޤާއިމްކޮށްފައިވާ  އައުޓްޑޯ ޖިމަށް ދީފައިވާ ނަމަކީ “އިހަމަ” އެވެ. “އިހަމަ” ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. މި އައުޓްޑޯ ޖިމަކީ އިހަވަންދޫ ކައުންސިލްގެ ހަރަދުގައި ހަދާފައިވާ ތަނެކެވެ. ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެޖިމް ތަރައްޤީކުރަން ކައުންސިލުން ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމުގައެވެ. ސޮބާހް ފާހަގަކުރެއްވި ގޮތުގައި މި އައުޓްޑޯ ޖިމްގެ ބޭނުމަކީ އިހަވަންދޫއަކީ ކުޅިވަރާއި ހަށިހެޔޮކަމަށް ލޯބިކުރާފަރާތަތަކެއް ދިރިއުޅެމުންދާ ރަށަކަވެފައި އެފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދިނުން ކަމުގައެވެ. އަދި ހަމަ އެއާއިއެކު މިކަމަކީ މިދައުރުގެ ކައުންސިލްގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ސޮބާހް ފާހަގަކުރެއްވިއެވެ.