އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!

.

އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުން ފާޑުކުޔުން އާޒުވުމުން، އެކުންފުނިން އެޅި ކުނި ނަގައިފިއެވެ. އެވަޅުގަނޑަށް ކުނިއަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކުނިތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ހަވީރުއެވެ.

ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުންދާކަން އާމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ، އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރަޝީދުއެވެ. ކުނިއަޅަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޝެއާރކޮށް މުހައްމަދު ރަޝީދު ބުނެފައިވަނީ، ރަށުގެ ޒުވާނުންނަށް ކުޅިވަރު ވަޞީލަތްތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން،އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުންދާ ހުރަވީ ދަނޑު ލެވެލް ކުރުމަށް ފަސްހޯދަން ދަނޑު ކޮނެ، ކޮނުނު ވަޅުގަނޑަށް ރަށުގެ ކުނިގޮނޑުގައި ހުރި ކުނިތައްގެނެސް އެޅުމާ ދެކޮޅުކަމުގައެވެ. އަދި އެމައްސަލާގައި ވެމްކޯ އަދި އިހަވަންދޫ ކައުންސިލަށްވެސް ފާޑުކިޔާފައިވެއެވެ. ވެމްކޯއިން އަޅާފައިވާ ކުނި ނަގަންފެށުމުން އެކަންވެސް މުހައްމަދު ރަޝީދު ފާހަގަކޮށްފައިވެއެވެ.

އިހަވަންދޫ ހުރަވީދަނޑު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާގެ އަގަކަށް، 105 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ. ހުރަވީ ދަނޑުގެ މަސައްކަތް އާރު.ޑީ.ސީއިން ވަރަށް އަވަސް ސްޕީޑްގައި ކުރިޔަށް އެބަގެންދެއެވެ.ދަނޑުގެ ޕޭވިންގ ކޮންކްރީޓްގެ މަސައްކަތްނިންމައި މިހާރު އެކުންފުނިން ކުރަމުންދަނީ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތެވެ.