ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، “އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024” މިމަހުގެ 7 ވާ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 12 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފިއެވެ.

ޖުމުލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ފުރަތަމަބުރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ލީގު ބުރުން އެއްވަނައަށް އަންނަ ޓީމަށް ފައިނަލުން  ޖާގައެއް ކަށަވަރުވާއިރު، ދެވަނަ އަދި ތިންވަނައަށް އަންނަ ޓީމް ޖެހޭނީ ސެމީފައިނަލްގައި ކުޅޭށެވެ. މުމުބާރާތް ހުޅުވާ މެޗްގައި އެންވީކޭ އަދި ޔުނައިޓެޑް ޔޫތް މިމަހުގެ 7 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ބައްދަލުކުރާއިރު، މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭގަންޑު 20:00 ގައެވެ.

މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. ކައުންސިލް ކަޕަކީ ފުޓްސަލް ފޯމެޓަށް ކުޅެމުން އަންނަ މުބާރާތެއް ނަމަވެސް މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ.  އެޓީމްވަނީ  4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އެޓީމް ބައިވެރިއެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.