އޯޓިޒަމް ހުންނަ ދަރިވަރުގެ މުދައްރިސު ސަމާލުކަން ދޭންވީ 10 ނުކުތާ

މުޙައްމަދު އިމްރާން

އިންސާނެކޭ، ނުވަތަ މީހެކޭ ބުނުމުން އޭނާ ސޫރަކުރުމުގައި، ގެންގުޅެނީ، އެއްސިފަތަކެކެވެ. ބޮލަކާ، ހަށިގަނޑެއްވާ، ދެއަތާ ދެފައި ހުރި މަހުލޫޤެއްގެ ސިފައެވެ. މޫނުގައި ދެ ލޮލާއި، ދެ ކަންފަތް އަދި ނޭފަތަކާއި އަނގައެކެވެ. މި ސިފަކުރުން ކިތައްމެ އެއްގޮތްވީ ނަމަވެސް، ދުނިޔޭގައި މިހާރުވެސް ދިރިތިބި 7.7 ބިލިއަނަށްވުރެ ގިނަ މީހުންވެސް، ސިފާގައި ކޮންމެވެސް ތަފާތެއްވެއެވެ. އަދި އޭނާގެ މި ޖިސްމާނީ ތަފާތުތަކުގެ އިތުރަށް، ކުޅެދުންތެރިކަމުގައިވެސް ތަފާތުތަކެއްވެއެވެ. އެއްބަޔަކު އަނެއްބަޔަކާ، އެކަކު އަނެއްކަކާ، އެއް ކުއްޖަކު އަނެއް ކުއްޖަކާ ތަފާތެވެ. މިތަފާތުތަކުގެ ތެރެއިން ފާހަގަ ކުރެވޭ އެއްކަމަކީ، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އެވެ.

އޯޓިޒަމް އަށް ސްޕެކްޓްރަމް ޑިސްއޯޑާ އޭ ކިޔަނީ ކަނޑައެޅިގެން އޯޓިޒަމް އަކީ ވަރަށް ގިނަ އަލާމާތްތަކާއި ޖިސްމާނީ ކުޅަދާނަކަމާއި، ޤާބިލްކަމާއި، ނާޤާބިލްކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ. އޯޓިޒަމް ހުންނަ މީހުން ވަރަށް ކުޅަދާނަ މީހެއްގެ ގޮތުގައި، ނޫނީ ވަރަށް ނާޤާބިލް މީހެއްގެ ގޮތުގައި، ނުވަތަ އެއިން ކޮންމެވެސް ހިސާބެއްގައި ހުރި މީހެއްގެ ގޮތުގައި ފެނިދާނެއެވެ. އެހެން އިންސާނުން ފަދައިންނެވެ. ހަމައެކަނި ފެންނަ ތަފާތަކީ، އޯޓިޒަމް ހުންނަ މީހުންނާ، ކުދިންނަށް މުޖުތަމައުތެރެއިން، ކުރިމަތިވާ ހިތްދަތިކަމާ، ބާކީކުރާ ބާކީ ކުރުމެވެ. ދިމާވާ ގޮންޖެހުމެވެ. މި ހިރާސްތައް ކުޑަކުރުމަށް މަސައްކަތް ކުރެވިދާނެ އެއްބަޔަކީ، އެފަދަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންކަން ޔަޤީނެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ، އެފަދަ ކުއްޖަކަށް ކިޔަވައިދޭ މުދައްރިސަކު ދެނެގަނެ، ސަމާލުކަން ދޭންވީ 10 ނުކުތާއަށެވެ.

1 – އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ ވެސް އެފަދަ ދެވަނައެއް ނެތް ކުއްޖެކެވެ. ބައެއް ކުދިންނަކީ އަނގަބަހުން ވާހަކަ ނުދައްކާ އަދި ދުވަހަކުވެސް ވާހަކަ ނުދެއްކޭ ކުދިން ކަމަށް ވެދާނެއެވެ. އޯޓިޒަމް ހުންނަ ގިނަ ކުދިންނަކީ ވަރަށް ވިސްނުންތޫނު އަދި ޅަ އުމުރުގައި ލިޔަންކިޔަން ދަސްކުރާ ކުދިންނެވެ. އޯޓިޒަމް ހުންނަ ބައެއް ކުދިންނަކީ، ހިސާބު އިލްމުންނާއި، ސައިންސުގެ އެކިއެކި ދާއިރާތަކުން ނުވަތަ އެކިއެކި ފަންނުގައި ހީވެސް ނުކުރާ ވަރުގެ ހުނަރު، ޤުދުރަތުން ހަދިޔާއެއްގެ ގޮތުގައި ﷲ ދެއްވަވާފައިވާ ކުދިންނެވެ. އޯޓިޒަމް އަކީ ތަފާތު ކުލަތަކުން ފުރިފައިވާ ދުނިޔެއެއްކަން ޓީޗަރުންނަށް އެނގެން ޖެހެއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމުގައި ދެނެގަންނަންވާނެއެވެ. އަދި ރަނގަބީލު ގެ ބައްޓަން ހުންނަ ރޮނގު (ބެލްކާވް) ގައި އެ ކުއްޖަކު ހުރި ހިސާބުގެ މައްޗަށް ބިނާކޮށް އެކުއްޖާ ލޭބަލް ކޮށްގެން ނުވާނެއެވެ. މިއަދު މަސައްކަތް ކުރުން މަދުކަމަށް ލޭބަލް ކުރެވިފައިވާ ކުއްޖާ، ރަނގަޅު ތެރަޕީއަކާއެކު ނުވަތަ ފަރުވާއާއިއެކުގައި މާދަމާ މަތީ ހަރުފަތަކަށް ގެންދެވިދާނެއެވެ.

2 – އޯޓިޒަމް ހުންނަ ކޮންމެ ކުއްޖެއްގެ ވެސް ހުނަރުވެރިކަމެއް އަދި ބަލިކަށިކަމެއް ހުންނަ ކަން ފާހަގަ ކުރެވެއެވެ. އެފަދަ ކުއްޖެއްގެ ހުނަރަކީ، އެއް އަހަރު ދުވަހުގެ ތެރޭގައި 2000 ސަފުހާ ހިތުދަސްކުރުމުގެ ކުޅަދާނަކަން ކަމަށްވެދާނެއެވެ. އަދި ލަފުޒުތައް ކިޔުމުގައި ހުރި ދަތިކަމަކީ، އެފަދަ ކުއްޖެއްގެ ބަލިކަށިކަން، ކަމުގައިވެދާނެއެވެ. މުދައްރިސް ބޭނުން ކުރަންޖެހޭނީ ކުއްޖާގެ ހުނަރުވެރިކަމަށް ފެތޭ ކިޔަވައިދިނުމުގެ ގޮތްތަކާއި އުކުޅުތަކެވެ.

3 – އޯޓިޒަމް ހުންނަ ކުދިންނަށް ޢާއްމުގޮތެއްގައި ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަކަމެއް ނުވަތަ ކަންތައްތަކެއް ވާނެއެވެ. އެކަން މުދައްރިސް ދެނެގަންނަން ޖެހޭނެއެވެ. އަދި މާއްދާތަކުގެ އެކިއެކި ފިލާވަޅުތައް ދަސްކުރުމަށް ޝައުޤުވެރިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ކުއްޖާގެ ޝައުޤުވެރިކަން ހުންނަ ކަންކަމުގެ ތެރެއިން ކަމެއް ޓީޗަރަށް ބޭނުން ކުރެވިދާނެއެވެ.

4 – އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި އާންމު ގޮތެއްގައި ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ތަކުރާރުވާ ހާއްސަ ސިފަތަކެއް ހުންނާނެއެވެ. މިއަށް އެކުއްޖާގެ ދުވަހުގެ ޠަބީއަތޭ (ޑެއިލީ ރޫޓިންސް) ކިޔަމާ ހިނގާށެވެ. މުދައްރިސުން ކުއްޖާގެ މިކަންކަން ދެނެގަނެ، ކުއްޖާގެ ބޮއްސުންލުން ހުއްޓުވުމަށްޓަކައި އޭނާގެ ރޫޓިންސްއަށް ތަބާވުމަށް އެހީތެރިވާން ޖެހެއެވެ. އޭނާގެ ތަބީއީ މިފަދަ ކަމެއް ގަދަބާރުން ހުއްޓުވާނަމަ، އޭނާގެ ކަންބޮޑުވުމާއި ރުޅިވެރިކަން ކޮންޓުރޯލުން ނެއްޓި މުދައްރިސުގެ ބާރުގެ ދަށުން ދަރިވަރު ވީއްލިދާނެއެވެ.

5 – އޯޓިޒަމް ހުންނަ ކުދިންނަށް އާންމު ގޮތެއްގައި ހިއްސުތަކުން ކަންކަން ދެނެގަތުމުގައި މައްސަލަތައް ދިމާވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހިއްސުތަކުން ވަރަށް ކުދި ކަންކަންވެސް ދެނެގަނެވި އެކަމުގެ މައިތިރި ނުވަތަ ހައްލު ހޯދައެވެ. މިސާލަކަށް، ކިރިޔަ ކިރިޔާ ފިނިކަން އިހްސާސްވުމުން ރަޖައެއް އަޅައިގެން ނެވެ. މިއުޒިކުގެ އަޑު ކިރިޔާ ގަދަވެލިޔަސް އޭގެ އަޑު މަޑުކޮށްގެންނެވެ.. އޯޓިޒަމް ހުންނަ ބައެއް ކުދިންނަށް ހިއްސުތަކުން މިފަދަ ކުދިކުދި ކަންކަން ދެނެގަތުމުގައި އޮޅުން ބޮޅުންވެ، އޭގެ ސަބަބުން ބޮޑު ނުތަނަވަސްކަމާއި ކަންބޮޑުވުމެއް އެކުދިންނަށް ކުރިމަތިކުރުވައެވެ. މި ކުދިންނަށް އިހުސާސްކުރުން، އަޑު އިވުން، ރަހަލުން، ވަސްދޮވުން ނުވަތަ ލޮލުގެ ފެނުން ފަދަ ފަސް ހިއްސުގެ ބާރުގެ ދަށުގައިވާ ކަންކަން ދެނެގަތުމުގައި މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ކުލާހުގައި ކުއްޖާއަށް ދިމާވެދާނެ މިފަދަ ކޮންމެ މައްސަލައަކަށް އަކަށް މުދައްރިސުން ސަމާލުވާން ޖެހެއެވެ.

6 – އޯޓިޒަމް ހުންނަ ކުދިންގެ ފަރާތުން ފެންނަ އޭގެޒާތުގައި އަމިއްލައަށް ގެނެވޭ ޚަރަކާތްތައް އާއްމު މީހަކާ ތަފާތުވެދާނެއެވެ. ކަމަކާ ވިސްނަމުން ދެ އިނގިލި ދޭތެރޭ ފަންސުރު ހަލުވާލުން، ދެފައި ތަޅުވާލުން، އިނގިލީގައި ދަތް އަޅައިލުން، ކަމަކާ ހާސްވުމުން އަތްތިލައިން ބޮލުގެ އިސްތަށިގަނޑު ތެރެއިން ފަހަތަށް ގެންދިއުންފަދަ ކަންކަމަކީ އޭގެޒާތުގައި އަމިއްލައަށް ގެނެވޭ ޚަރަކާތްތަކެވެ. ނަމަވެސް އޯޓިޒަމް ކުދިންގެ ކިބައިން ފެންނަ ކަންކަން ތަފާތުވެ އެއީ، އަހުލާގީ މައްސަލަތަކެކޭ މުދައްރިސަށް ހީވާ ފަހަރުވެސް އާދެއެވެ. މިސާލަކަށް، އަތް މައްޗަށް ނަގާ ތެޅުވުން، ކޮށްޅަށް ތެދުވެ ވަށާ އެނބުރުން، ގޮނޑީގައި އިނދެ ބާރުބާރަށް ކުރިއަށް ފަހަތަށް މީހާ ތެޅުން، ބާރުބާރަށް ބޯތެޅުވުން ފަދަ ކަންކަން ކުރެއެވެ. މިކަންކަމަކީ، މުދައްރިސް ރަނގަޅަށް ދެނެގަނެ، ކުލާހުގެ އެހެން ކުދިންނަށް ކިޔާދެވިފައިވާ ކަންކަން ކަމުގައި މުދައްރިސް ހަދަންޖެހެއެވެ. އޭރުން، އެފަދަ ކުއްޖަކު އެކުރާ ހަރަކާތަކީ، މުދައްރިސަށް އަދި އެހެންކުދިންނަށް އާކަމެއްކަމުގައި ވެގެން ނޫޅި އެކަމުގެ ސަބަބު ދެނެގަނެ، ކުރިއަށް ދިއުމަށް އެހީތެރިވުމަށް މަގު ކޮށިގެން ދާނެއެވެ.

7 – އޯޓިޒަމް ހުންނަ ކުދިންނަށް އަނގަބަހުން ދޭ އިރުޝާދުތައް ދެނެގަތުމުގައި އުނދަގޫތައް ކުރިމަތިކުރުވައެވެ. ފިލާވަޅުތައް ދިނުމުގައި، މުދައްރިސުން ގެ އިރުޝާދުތައް ފަސޭހައިން ދެނެގަނެވޭނެހެން، ލިޔެފައި ދިނުމުން މިފަދަ ކުދިންނަށް އެހީއަކަށް ވާނެއެވެ. އަދި ކުލާހުގައި ވީހާ ގިނައިން ކުލާހުގައި ވިޝުއަލް އެއިޑްސް ވެސް ބޭނުންކުރެވިދާނެއެވެ. ތިބާގެ ދަރިވަރަކަށް ތިބާގެ އިރުޝާދުތައް އިނގޭކަން އަބަދުވެސް ޔަޤީންކުރާށެވެ.

8 – އޯޓިޒަމް ހުންނަ ކުދިންގެ ސޯޝަލް އިޝާރާތްތައް ދެނެގަނެ ފަހުމު ކުރުމުގައި އުނދަގޫތަކެއް ހުރެދާނެއެވެ. މުދައްރިސްގެ އިޝާރާތުން ބުނާއެއްޗެއް ދެނެ ނުގަނެވިދާނެއެވެ. މުށްކުވާލުމަށްފަހު، ޝަހާދު އިނގިލި ހުޅުވާ، އެ އިނގިލީގެ މެދު ނޭފަތުގެ ކުރީގައި ޖައްސާލުމުން އެބުނަނީ، ކީކޭކަން އެފަދަ ދަރިވަރަކަށް ނޭނގިދާނެއެވެ. އޯޓިޒަމް ހުންނަ ދަރިވަރުންނަށް މުހާތަބުކުރުމުގައި، އިޝާރާތާއެކުގައި އަނގަބަހުން މުޢާމަލާތުކުރުމަށް މުދައްރިސުން ސަމާލުކަން ދޭންވާނެއެވެ. އަދި އެކުދިންގެ އެކުވެރީންނަށް މިގޮތަށް ކަންކުރުމަށް ބުނެދިނުން މުހިއްމެވެ.

9 – އިޖްތިމާޢީ ހުނަރު ނެތް އޯޓިޒަމް ހުންނަ ކުދިން އެކަށީގެންނުވާ އަދި މާނައެއް ނުވާ ކޮމެންޓްތައް ކޮށްފާނެއެވެ. އޯޓިޒަމް ހުންނަ ކުއްޖަކަށް ގެއްލުންހުރި ބަސްތައް ބުނުމާއި އެ ކޮމެންޓްތައް ޕާސަނަލީ ނުނެގުމަށް ޓީޗަރުން ތައްޔާރުވާން ޖެހެ އެވެ. ތަޢުރީފާއި ޝުކުރުގެ ބަސްތައް ބުނެދިނުމަށް އަމިއްލަ ނަމޫނާއިން ކުއްޖާއަށް ދަސްކޮށްދޭށެވެ.

10 – ހުރިހާ ކުދިންނެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށްވެސް ތިބާގެ ލޯތްބާއި ހިތްވަރު ބޭނުންވެއެވެ. ނުވިސްނޭ އެތައްބައެއްގެ ބުލީކުރުމުގެ ސަބަބުން އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް އެކަހެރިކަން އިހްސާސް ވެއެވެ. މިފަދަ ކުއްޖަކަށް ލިބޭނެ އެންމެ މުހިއްމު އެހީތެރިކަމަކީ، އަދި ހިތްވަރަކީ މުދައްރިސުންގެ ލޯތްބެވެ.

އާދޭހެވެ. “އިންސާނުނީ ހަމަހަމަ ބަޔަކަށް ވިއަސް، އުނިސިފަތަކެއް ލިބިވާ ބައެއް” ވެސް މެއެވެ. އަހަރެމެން އެންމެން އެކަކު އަނެއްކަކުގެ ކިބައިން ގަދަރާ، އިހުތިރާމާ ލޯތްބާ ކުލުނު ބޭނުންވެއެވެ. އަނިޔާވެރިކަމާ، ފުރައްސާރައާއި، ދެކޮޅުވެރިކަމަކީ، އަނެކާގެ ކިބައިން،ބޭނުންވާ ކަންކަމެއް އަދި ފެންނަން އެދޭ ސިފަތަކެއް ނޫނެވެ. އެހެންކަމުން، ކޮންމެ އިންސާނަކީވެސް، އަނެކާފަދަ މީހެއްކަން ޤަބޫލުކޮށް ތިމާއާއި، އޭނާ ތަފާތުތަކެއް ވާނޭކަން ދެނެގަތުން ވަރަށް މުހިއްމެވެ.