ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ފައިނަލަށް ނާވަދޫ ޓީމް ނުކުންނައިރު، އެޓީމްގެ ސަޕޯޓަރުން ޓީމާއިއެކު ތިބިނަމަ މިއީ ނައިވާދޫއަށް ޔަޤީން ތައްޓެއްކަމަށް ނައިވާދޫ ޓީމްގެ ކޯޗް އަހްމަދު އަފާގް ބުނެފިއެވެ. ކޯޗް ބުނީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންވެސްތިބީ ވަރަށް ރޫހާއި ޖޯޝްގައި މާދަމާގެ މެޗުން މޮޅުވުމުގެ ރޫހުގައިކަމުގައެވެ.

“އެއް ކުޅުންތެރިޔަކު އެބަހުރި އެންޖަރީގައި، އޭނަޔަކަށް ފައިނަލްވެސް ނުކުޅެވޭނެ. އޭގެ އިތުރުން މޭޖާއެންޖަރީއެއްނެތް” ޓީމްގެ ހާލަތު ކޯޗް ކިޔައިދިނެވެ. ޓީމް ނައިވާދޫ މާދަމާގެ ފައިނަލްގައި ކުޅޭނީ އިހަވަންދޫއަށް ނިސްބަތްވާ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ. އެ ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ނައިވާދޫ ގްރޫޕް އޭ ގެ ދެ ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ގޯލްގެ ތަފާތުން އެގްރޫޕްގެ އެއްވަނަ ހޯދީ ޔުނައިޓެޑް ޔޫތެވެ. ނައިވާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗްގައި، ގްރޫޕް ބީ ގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ދަތުރުކުރި ޓީމް ހަނިމާދޫ، 2 ގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަމަހަމަކޮށް ފެނަލްޓީން މޮޅުވެގެންނެވެ.