ދަރުމަ ޤުރުއާން މުބާރާތް ބާއްވައިފި

މުޙައްމަދު އަކުރަމް

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ހަރަކާތުގެ ފަރާތުން ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

“ދަރުމަ ޤުރުއާން މުބާރާތް 2024” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔަ މެންދުރުފަހާއި ހަވީރުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވާއިރު މިމުބާރާތުގައި 57 ކުއްޖަކުވަނީ ކިޔަވާފައެވެ. މިމުބާރާތުގައި ކިޔަވާފައިވަނީ ދަރުމަ ޤްރުއާން ހަރަކާތް ފަރާތުން ކުރިޔަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އިފްތިތާޙްކުރި ހަރަކާތެކެވެ. އެހަރަކާތުގެ ދަށުން ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސާދެއެވެ. “ދަރުމަ” ޤުރުއާން ހަރަކާތަކީ ހއ އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިއީ އެހަރަކާތުގެ ފަރާތުން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ.