ވެމްކޯއިން އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ފަށައިފި އެވެ.

އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް މިއަދު ވެމްކޯއިން ފަށާފައިވާއިރު، އެކަމަށް ބޭނުންވާ ވެހިކަލް އިހަވަންދޫއަށް ގެނެސްފައިވަނީ އިއްޔައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކުނިގޮނޑުގައި ހުރި ކުނި ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. ކުނބުރުދޫއަށެވެ.

ކުނީގެ މައްސަލައަކީ އިހަވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ކުނިމެނޭޖް ކުރާނެ ނިޒާމެއްނެތި ކުނިކޮށްޓަށް ކުނިތައް އުކަންޖެހުމުގެ ސަބަބުން އިހަވަންދޫގެ ކުނިކޮށިވަނީ ބޮއްސުންލާފައެވެ. މެހިގިނަވުމާއި ކުނިކޮށިން ދުވާ ނުބައި ވަހުން މުޅި ސަރަހައްދު އޮންނަނީ ތަޣައްޔަރުވެފައެވެ. ކުނިގޮނޑުގައި ރޯވެ އަރާ ދުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށްވަނީ އާންމު އުނދަގުލަކަށް ވެފައެވެ.

ވެމްކޯ އިން ފަށާފައިމިވާ އޮޕަރޭޝަނުގެ ތެރެއިން އިހަވަންދޫގެ އިތުރުން ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީ ކޮނިގޮނޑު ހުސްކުރުމަށް ހަމަޖެހިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫއިން ބޭރުކުރުމަށް ހަމަޖެހިފައިވަނީ 5-6 ކޮޅުވެއްޓީގެ ކުންޏެވެ.

ވެމްކޯއިން އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވެމްކޯއިން އިހަވަންދޫގައި ހިދުމަތް ދިނުމަށް އިއްޔަވަނީ އޮފީހެއް
ޤާއިމްކޮށްފައެވެ. މުވައްޒަފުން ނެގުމަށްފަހު މަހެއްހާ ދުވަސްތެރޭ ހިދުމަތްދޭން ފެށޭނެކަމަށް،މިނޫހަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވިއެވެ.