މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ކުޅިމަގު ނުކުންނަނީ، ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީންކަމާއި އެކުގައިކަމަށް ކުޅިމަގުގެ ކޯޗް މޫސާ އިރުޝާދު ބުނެފިއެވެ. އިރުޝާދު ބުނީ އެޓީމްގެ ކުރިހާ ކުޅުންތެރިންވެސް ފިޓްކަމަށާއި މާދަމާގެ މެޗަށް ނުކުންނަނީ އިތުބާރާއި އެކުކަމަށެވެ. މާދަމާ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ކުޅިމަގު ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.

ގްރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައި ކުޅިމަގު ސެމީފައިނަލަށް ދަތުރުކުރީ 10 ޕޮއިންޓާއި ފައިދާ 9 ގޯލާއި އެކުއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ކުޅިމަގު ގްރޫޕް ސްޓޭޖްގައި އެއްމެޗުން ވަނީ އެއްވަރުވެފައެވެ. އެއީ ގްރޫޕްގެ އެއްވަނާގައި އޮތް ހަނިމާދޫއާ ބައްދަލުކުރި މެޗެވެ. ގްރޫޕް ބީ ގެ އެއްވަނާގައި ހަނިމާދޫވެސް އޮތީ 10 ޕޮއިންޓާއިއެކުއެވެ. ނަމަވެސް ކުޅިމަގަށް ގްރޫޕްގެ ދެވަނަ ލިބެނީ ހަނިމާދޫއަށްވުރެ ކުޅިމަގުގެ ފައިދާ ގޯލް މަދުވުމުންނެވެ.

ކުޅިމަގުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެޓީމަށް 5 ގޯލް ޖަހައިދީފައިވާ މުހައްމަދު ޝަމްވީލްއެވެ. އަދި އެޓީމްގެ ޒުވާން ކުޅުންތެރިޔާ 19 އަހަރުގެ ސާލިމް މުހައްމަދަކީވެސް އިދިކޮޅު ޓީމްތަކަށް ހިފަހައްޓާލަން އުނދަގޫވާނެ ކުޅުންތެރިއެއްކަން ޔަޤީނެވެ. ސާލިމް މިހާތަނަށްވަނީ 4 ގޯލް ޖަހައި، އަދި އިތުރު އެއް ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.  ސާލިމްފަދަ ހަލުވި ކުޅުންތެރިން ތިބި ޓީމަކާއި ދެކޮޅަށް ކުޅުމުގައި، ޔުނައިޓެޑް ޔޫތަށް އުނދަގޫތަކެއް ކުރިމަތިވާނެކަން ޔަޤީނެވެ.