ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޓީމް ނައިވާދޫ ނުކުންނާނީ ޓީމް ހަނިމާދޫއާ ދެކޮޅަށެވެ. މިއަދު  ހަވީރު ކުޅެ މިމެޗްގެ ކުޅުން ފަށާނީ 16:00 ގައެވެ.

ޓީމް ނައިވާދޫ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 8 ޕޮއިންޓާ ފައިދާ 6 ގޯލާއިއެކު، ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މަރުގެ ގުރޫޕްގެ ގޮތުގައި ފާހަގަކުރެވޭ ގްރޫޕް އޭ ގައި، ނައިވާދޫ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ނަމަވެސް އެޓީމްވަނީ ގްރޫޕްގެ އެއްވަނަ ހޯދި ޔުނައިޓެޑް ޔޫތާއި 3-3 އިން އަދި ގްރޫޕްގެ އެންމެ ފުލުގައިވާ ކްލަބް އިރަމާޔާ 0-0 އިން އެއްވަރުވެފައެވެ.  އެޓީމްވަނީ ބޮޑުމަގު 6-1 އިން އަދި އެންވީކޭ 2-1 އިން ބަލިކޮށްފައެވެ.

ޓީމް ނައިވާދޫ ފާހަގަކުރެވެނީ މިމުބާރާތުގައި ތަފާތު ރީތި ސްޓައިލަކަށް ފުޓްސަލް ކުޅެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. ނައިވާދޫ ޓީމްގައި ހިމެނޭ މުހައްމަދު ރިޝާންވަނީ 4 ގޯލްޖަހައި، 2 ގޯލް ޖެހުމަށް އެހީތެރިވެފައެވެ. އަދި އެޓީމްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ މުހައްމަދު އަސްލަމް ވަނީ 3 ގޯލް ޖަހައި، އިތުރު 5 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. ނައިވާދޫއާ ދެކޮޅަށް ސެމީފައިނަލްގައި ނުކުންން، ޓީމް ހަނިމާދޫއަށް އެންމެ ބޮޑު ޗެލެންޖަކަށްވަނީ، ނައިވާދޫ ފަދަ އެކުލައިވައިގެންކުޅޭ ޓީމްވޯކްރަނގަޅު ޓީމެއް ބަލިކުރުމެވެ.