ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ރަށުން ބިން ދޫކުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުން މަނާކުރުމުން، އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތް މަޑު ޖައްސައި ލާފައިވާކަން، އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިޞްލާހާއި ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން ބިން ދިނުމާއި ގުޅޭ އެންމެހާ މުޢާމަލާތުތައް ހުއްޓާލުމަށް އެ އޮތޯރިޓީގެ ނަންބަރު 221-CCS/2025/103 (18 އޮގަސްޓް 2025) ގެ ސިޓީއިން އަންގާފައިވާތީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމުގެ މަސައްކަތް މަޑުޖައްސައިލި ކަމުގައި ދަންނަވާކަމުގައެވެ. އަދި އެ އިޞްލާހާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލު އެ އޮތޯރިޓީއިން އެކުލަވާލުމުން، އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެމަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. އަދި ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން ވެސް އެ އިސްލާހުން ވަނީ މަނާކޮށްފަ އެވެ. ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން ބަޔާން ނެރެފައި ވަނިކޮށެވެ. އިހަވަންދޫ ކައުންސިލަކީ، ރާއްޖޭގެ މަސްރަހުގައި ހިނގާ މުހިންމު ކަންކަމާއި ގުޅިގެން ބަޔާންތައްނެރެން ފަރިތަ ކައުންސިލެއް ނަމަވެސް، ކައުންސިލްގެ މަސައްކަތާއި އަދި ރައްޔިތުންނާއި މިހާ ގުޅުންބުޑު ކަމެއްގައި ބަޔާން ނެރެފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު ހުށަހަޅާފައިވަނީ 440 ފޯމެވެ. 1600 އަކަ ފޫޓްގެ 150 ގޯއްޗަށް ކުރިމަތި ލުމަށް އިހަވަންދޫ ކައުންސިލުން ފުރުސަތު ހުޅުވައިލީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. މިފަހަރު ކުރިމަތިލީ މީހުންގެ އަދަދު ކުޑަކޮށް މަދުނަމަވެސް މިފަހަރު ދޫކުރަނީ 150 ގެވަޅުކަމުން، ކުރީ ފަހަރަށްވުރެ މިފަހަރު ގެވަޅުގެ ޑިމާންޑް ބޮޑުވާނެކަމަށް ބެލެވެއެވެ.