ޕްރީ ސްކޫލްގެ ބިންގާ އެޅިތާ 12 އަހަރު ފަހުން، އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ހިންގަން 35 އަހަރަށް ދީފި!

މުޙައްމަދު އަކުރަމް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހއ. އިހަވަންދޫގައި ހިންގުމަށް، އިހަވަންދޫ ކައުންސިލުން އިމާރާތް ކޮށްފައިވާ ޕްރީސްކޫލް އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފިއެވެ. ޤައުމީ ޔުނިވަރސިޓީއާ އެއިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި، ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޮއިކުރެއްވިއިރު އެމްއެންޔޫގެ ފަރާތުން ސޮއެކުރެއްވީ އެޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމްއެވެ.

މިކަމާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެ އިމާރާތުގެ ހިދުމަތް އަވަހަށްލިބި މަތީ ތައުލީމްގެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިހަވަންދޫއާއި ހއ. އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމުގައެވެ. ސޮބާހް ވިދާޅުވީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަހަށް މުވައްޒަފުންނެގި ވަރަށް އަވަހަށް ކޯސްތަކަށް އިއުލާން ކުރާނެކަމުގައެވެ. ސޮބާހް މައުލޫމާތު ދެއްވިގޮތުގައި، ޕްރީސްކޫލްގެ މުޅި އިމާރާތް އެމްއެންޔޫއާއި ހަވާލުކޮށްފައިވަނީ 35 އަހަރުގެ މުއްދަތަށް ކުއްޔެއް ނުނަގާގޮތަށެވެ.

އިހަވަންދޫ ކައުންސިލުން، އިމާރާތްކޮށްފައިވާ އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ބިންގާ އަޅާފައިވަނީ 10 ޑިސެންބަރު 2012 ގައި އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައެވެ. އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރު އަދި ދެވަނަ ދައުރު ކުރެވުނު މަސައްކަތުން ޕްރީސްކޫލް އިމާރާތް ހިޔާކުރުމާއި ހަމަޔަށްގޮސް، ވީރާނާވާން ދޫކޮށްލާފައި ވަރަށްގިނަދުވަހު ހުއްޓެވެ.

އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގައި، އިމާރާތް ވީރާނާވެފައިވާތީ އިމާރާތުގެ ތީގައި އަޅާފައިވާ ޝީޓް ނަގައި ފާރުތައް މަރާމާތު ކޮށްފައިވެއެވެ. 3 ވަނަ ދައުރުގެ ކައުންސިލްގެ ދައުރު ހަމަވީ އެއިމާރާތް ހިޔާކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ކުރަމުންދަނިކޮށެވެ. މިހާރު މިހިނގާ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގައި ޕްރީސްކޫލް އިމާރާތުގައި ތަޅުންއަޅައި ފިނިޝިންގް މަސައްކަތްކޮށް އިމާރާތް ބޭނުންކުރެވޭވަރަށްވަނީ ނިންމާފައެވެ