ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކުރުމުގެ މަސައްކަތް، 1.4 މިލިއަނަށް މެކްސް އެމް އަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކުރުމުގެ މަސައްކަތް 1.4 މިލިއަން ރުފިޔާއަށް މެކްސް އެމް އާއި ހަވާލޮކޮށްފިއެވެ. މިމަސައްކަތް މެކްސް އެމް އާއި ހަވާލުކުރީ، މިކަމަށް އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޮއެކުރެއްވިއިރު، މެކްސް އެމްގެ ފަރާތުން ސޮއެކުރީ މެކްސް އެމްގެ ވެރިޔާ އަބުދުލް މުއީން އަބުދުލް މަޖީދެވެ.

މި މަސައްކަތް މެކްސް އެމް އާއި ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 1,453,590.90 ރުފިޔާ (އެއްމިލިއަން ހަތަރުލައްކަ ފަންސާސްތިންހާސް ފަސްސަތޭކަ ނުވަދިހަ ރުފިޔާ ނުވަދިހަ ލާރި) އަށެވެ.

ހިންނަ ފުޓްސަލް ދަނޑުގައި އިމާރާތްކުރާ ރޮސްޓަމްގައި ސްޓޭޖަކާއި، 2 ޓީމް ރޫމް، 3 ފާހާނާ އަދި ގުދަނެއް ހިމެނޭނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ރޮސްޓަމް އިމާރާތްކުރުމަށް ތަންދިނުމަށް، ފުޓްސަލް ދަނޑުގައި ޖަހާފައިވާ 1 ލައިޓް ޕޯސްޓް ރިލޮކޭޓްކޮށް، ދަނޑު ވަށައިގެން ޖަހާފައިވާ ފެންސަށް ބަދަލުގެންނާނެއެވެ.

އިހަވަންދޫ ކައުންސިލުން ތަރައްޤީކުރި ހިންނަ ފުޓްސަލް ދަނޑު ހުޅުވާފައިވަނީ މިއަހަރުގެ ޖުނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހިންނަ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު އަކީ، އިހަވަންދޫގެ ކުޅިވަރު ވަސީލަތްތައް ޒަމާނީކުރުމަށް އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދިޔަ އެންމެ އަގުބޮޑު މަޝްރޫއުއެވެ. ހިންނަ ފުޓްސަލް ދަނޑު ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން 1.273 މިލިއަން ރުފިޔާގެ އަގަކަށެވެ. ފުޓްސަލް ދަނޑަށް އަލަށް އިތުރުކުރާ ރޮސްޓަމާއި އެކު އެމަޝްރޫއުގެ ޖުމްލައަގު ބޮޑުތަނުން އިތުރުވާނެއެވެ.