ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިހަވަންދޫގައި ކޮނިމެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމަށް އެދުމުން، އިހަވަންދޫ ކައުންސިލުން ދޫކޮށްފައިވާ ރައްވެހި ހިޔާގެ ހޯލުން ވެމްކޯ ބޭރުކޮށް، ތަޅުދަނޑި ނަގައި ކައުންސިލުން ބޭނުންކުރަން ފަށައިފިއެވެ.
އިހަވަންދޫގައި ކޮނިމެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުމަށް، ރައްވެހިހިޔާގެ ހޯލް ވެމްކޯ އަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމާފައިވަނީ 3 މަސް ދުވަހުގެ މުއްދަތަށެވެ. 1 ޖޫން އިން ފެށިގެން 3 މަސް ދުވަހަށް ތަން ދޫކުރުމަށް އިހަވަންދޫ ކައުންސިލުން އެއްބަސްވުމެއް އެކުލަވާލައި ވެމްކޯއަށް ފޮނުވާފައިވެއެވެ. އެއެއްބަސްވުން އެކުލަވާލާފައިވަނީ ވެމްކޯއާ ހިއްސާކޮށްއެ ކޯޕަރޭޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ކަމަށް ވީނަމަވެސް އެ އެއްބަސްވުމުގައި ވެމްކޯއިން ސޮއެކޮށް ކައުންސިލަށް ފޮނުވާފައި ނުވާކަމަށްވެއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން ވެމްކޯއަށް މިމަހުގެ 11 ވަނަ ދުވަހު ފޮނުވި ސިޓީގައިވަނީ، ޖޫން މަހުން ފެށިގެން ވެމްކޯއިން އިމާރާތް ބޭނުންކުރިނަމަވެސް އަދިވެސް އެއްބަސްވުމުގައި ސޮއެކޮށް ފޮނުވާފައިނުވާ ކަމަށާއި ވެމްކޯއިން އިމާރާތް ބޭނުންކުރާތީ ތަނުގެ ކަރަންޓް ބިލް ބޮޑުވެފައިވާ ކަމުގައެވެ. ރައްވެހިހިޔާ އިމާރާތަކީ ވަކި އުސޫލެއްގެ ދަށުން ކުއްޔަށް ދޫކުރާ ތަނަކަށްވެފައި، އަދިވެސް ވެމްކޯއިން އެއްބަސްވުމުގައި ސޮއެކޮށްފައިނުވާތީ އަދި ޖޫން 1 އިން ފެށިގެން ވެމަކޯގެ ބޭނުމަށް އިމާރާތް ބޭނުންކުރަމުންދާތީ ރަށްވެހިހިޔާ ކުއްޔަށް ދޫކުރުމަށް އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް، ސެޕްޓެމްބަރ 11 އާއި ހަމަޔަށްވާ 102 ދުވަހަށް 51،000 ރުފިޔާގެ ކުލި ދެއްކުމަށާ، އިތުރަށް ރަށްވެހިހިޔާގެ ހޯލު ބޭނުންކުރަން ބޭނުންވާނަމަ ރަށްވެހިހިޔާ ކުއްޔަށް ހިފަން އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އެދުމަށް ވެމްކޯއަށް ކައުންސިލުންވަނީ އަންގާފައެވެ. “މިދެންނެވިގޮތަށް ޢިމާރަތް ބޭނުން ކުރަން އެދޭނަމަ، 3 ދުވަހުގެ. ތެރޭގައި، އެންގުމަށާއި، އަދި ރަސްމީކޮށް ނޭދޭނަމަ މިއަދުން ފެށިގެން، 10 ދުވަހުގެ ތެރޭގައި އިމާރާތުގައިވާ ތިޔަ ކޯޕަރޭޝަންގެ ތަކެތި، ހުސްކުރުމަށްފަހު، މިއިދާރާއަށް އެންގުމަށް ދަންނަވަމެވެ. އަދި، މި މުއްދަތަށްފަހު އިމާރާތުގައިވާ، ތަކެއްޗަކީ މިކައުންސްގެ ތަކެތި ގޮތުގައި ބަލައި މިއިދާރާއަށް ފެންނަގޮތެއްގެ މަތިން އިމާރާތުގައި، ހުންނަ ތަކެއްޗާއި މެދު އަމަލުކުރާނެ ކަމުގައި ވެސް ދަންނަވަމެވެ،” އިހަވަންދޫ ކައުންސިލުން ވެމްކޯއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްވެހި ހިޔާއިން ވެމްކޯ ބޭރުކޮށްފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ވެމްކޯގެ ވަފުދެއް މާދަމާ އިހަވަންދޫއަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ވެމްކޯ ގެ ޚިދުމަތް އިހަވަންދޫގައި، ވީ އެންމެ އަވަސް މުސްތަޤްބަލެއްގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެ ތަފާތު އެކި ތާރީހުތައް ދެމުން އައި ނަމަވެސް އަދިވެސް އެކުންފުނީގެ މަސައްކަތް އިހަވަންދޫގައި ފެށޭގޮތެއް ނުވެއެވެ.
އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށް، އިހަވަންދޫ ރަށްވެހިގޭގައި އެކުންފުނީގެ ނަންބޯޑު ފުރަތަމަ ހަރުކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން އެބޯޑްވެސް އެތަނުންވަނީ ނަގައިފައެވެ. އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހު، ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތް އެއްކޮށް ނިންމައިނުލެވި ވަކިހިސާބަކުންވަނީ ހުއްޓިފައެވެ.
މިވަގުތު އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންއަންނަނީ އިހަވަންދޫ ކައުންސިލުންނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަކީ 2009 ގައި އުފައްދާފައިވާ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް އުފެއްދި އެކުންފުނިން ރާއްޖެތެރޭގައި ހިދުމަތްދޭން ފުރަތަމަފެށީ 2017 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.