ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި އިހަވަންދޫ އަދި އުތީމް ބައްދަލުކުރިމެޗް 1-1 އިން އެއްވަރުވެއްޖެއެވެ.
މެޗްގެ ފުރަތަމަ ގޯލް ޖެހީ އުތީމް ޓީމްގެ ރީޝްވާންއެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް، އިހަވަންދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމްގެ ނާއިޝްއެވެ. މިއީ މިމުބާރާތް ހުޅުވަން ކުޅުނު ޗެރިޓީ މެޗްގައިވެސް ސްކޯރ ކުރި ދެ ކުޅުންތެރިންނެވެ.
މިމުބާރާތް ހުޅުވައިދިން ޗެރިޓީ މެޗްގައި ބައްދަލުކުރީވެސް މިދެޓީމެވެ. އެމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-1 އިން ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއިން ކުރިހޯދީ އިހަވަންދޫ ޓީމެވެ. މިދިޔަ އަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫއެވެ. އެމުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 1-0 އިން އުތީމް ބަލިކޮށްގެންނެވެ.
މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެން މިމުބާރާތުގައި އިހަވަންދޫ ނުކުންނާނީ ގްރޫޕް އޭ ގައި ހިމެނޭ ހޯރަފުއްޓާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާދަމާ ރޭ 21:00 ގައެވެ. އުތީމް ދެން ނުކުންނާނީ ވަށަފަރާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ މާދަމާ ހަވީރު 17:00 ގައެވެ.
މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި 9 ރަށަކުން ވާދަކުރެއެވެ. އެއީ އިހަވަންދޫ، އުތީމް، މުރައިދޫ، ދިއްދޫ، ފިއްލަދޫ، ކެލާ، ބާރަށް، ވަށަފަރު އަދި ހޯރަފުއްޓެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.