ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ހުރިހާ ގޮނޑިއެއް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުވެއްޖެއެވެ.
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުވީ، ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެ ގޮނޑިތަކަށް އެހެން އެއްވެސް ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބަކާ ނުލައި މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހއ. މޮޅަދޫ، ފިނިފެންމާގެ، ޢާއިޝަތު ޢަޛުރާއެވެ. މީގެ އިތުރުން އެ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށްވާ މަރްޔަމް ރުޙުސާ (އެވަރޝައިން) އަދި ފާޠިމަތު ސަހުލާ (އަހިމާގެ) އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކެނޑިޑޭޓުން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ވަނީ ލިބޭގޮތް ނުވެފައެވެ.
މޮޅަދޫގެ އަންހެނުންގެ ކޮމިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރި ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޮޅަދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ކެނޑިޑޭޓަކު ވާދައެއް ނުކުރެއެވެ.
މޮޅަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް މިފަހަރު ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ޢަލީ ރައޫފްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރާ ޢަބްދުލްމުޙްސިން ޢަބްދުއްލަޠީފް އަދި މިހާރުގެވެސް ކައުންސިލް ރައީސް މުޙައްމަދު ސިނާދެވެ.
މީގެ އިތުރުން، މޮޅަދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ލަޢުޝާ ޙުސައިން އާއި އަމިއްލަ ގޮތުން ވާދަކުރާ ސަފީނާ ޢަބްދުއްރަޝީދުއެވެ. މޮޅަދޫ ކައުންސިލްގެ މެންބަރު ކަމަށް 3 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ އަޙްމަދު ސިހާމް އަދި އަމިއްލަގޮތުން ވާދަކުރާ އަޙްމަދު ސިޔާމްގެ އިތުރުން އަޙްމަދު ރިފާޢުއެވެ.