ނިމިދިޔަ ލޯކަލް ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ އިންތިހާބާ ދިމާކޮށް، ހިފެހެއްޓުމެއްނެތި “ބަހަމުން” ދިޔަ ބައެއް ވަޒީފާތަކަށް ބައެއް ފަރާތްތަކަށް ނުނިކުމެވި “މަގުމަތި” ވެއްޖެއެވެ. އަދި ބައެއް ފަރާތްތަކަށް ދީފައިވާ ޕްރޮމޯޝަންތައްވެސް “ވާނުވާގައި” ވާކަމަށް މައުލޫމާތު ލިބެއެވެ.
އިހަވަންދޫގައި ވަޒީފާ ބަހަމުންދިޔައީ މައިގަނޑު ދެ ކޭމްޕަކުންނެވެ. އެއީ އެއްޓީމެއްގެ ގޮތުގައި ނުކުތް މިނިވަން ކެނޑިޑޭޓުންގެ ޖަގަހައިން އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޖަގަހައިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫއަށް ނިސްބަތްވާ 120 އަށްވުރެ ގިނަ މީހުންނަށް ނިމިދިޔަ “އިންތިހާބުގެ އީދު” ގައި ވަޒީފާދީ ނުވަތަ ވަޒީފާ ދޭނެކަމަށް ވައުދުވެފައިވެއެވެ.
އެންމެގިނަބަޔަކަށް ވަޒީފާ ދީފައިވަނީ އިހަވަންދޫ ފެނަކަ ބުރާންޗުންނާއި، އާރުޑީސީ އިހަވަންދޫ ސައިޓުންނެވެ. މީގެ އިތުރުން ވެމްކޯ އިހަވަންދޫ ސައިޓުން އަދި އެމްޓީސީސީއިންވެސް ބައެއް މީހުންނަށް ވަޒީފާ ދީފައިވެއެވެ. މީގެ އިތުރުން އެހެންރަށް ރަށުގައި އުޅޭ އިހަވަންދޫއަށް ނިސްބަތްވާ ބައެއް މީހުންނަށްވެސް ވަޒީފާ ބަހާފައިވާކަން ކަށަވަރުކުރެވިފައިވެއެވެ. އަދި ސަރުކާރުގެ ވުޒާރާތަކުން ސިޔާސީ މަޤާމު އުފައްދައި ޕޮލިޓިކަލް ޑިރެކްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންވެސް އައްޔަނު ކޮށްފައިވެއެވެ.
ވަޒީފާގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ޕްރޮމޯޝަންވެސް ނިމިދިޔަ “ސިޔާސީ އީދުގައި” ދީފައިވެއެވެ. އެގޮތަށް ދީފައިވާ ޕްރޮމޯޝަނުގެ ޗިޓު ބައެއް ކުންފުނިތަކަށްލިބި އެއަށް އަމަލުކޮށްފައިވާއިރު، ބައެއް މީހުންނަށް ލިބިފައިވާ ޕްރޮމޯޝަން ނުހިގައި ހުރީ “ވާނުވާ” ގައެވެ. ފާހަގަކުރެވޭ ގޮތުގައި ބައެއްމީހުނަށް ލިބިފައިވާ ޕްރޮމޯޝަނާއި ވަޒީފާގެ ޗިޓްތައް އަދިވެސް ބައެއް ކުންފުނިތަކަށް ނުވެސް ލިބެއެވެ. އެޗިޓް އެމީހުންގެ ފޯނަށް “ސިޔާސީ” ވެރިން ފޮނުވިނަމަވެސް އޭގެ ސައްހަކަން ކަށަވަރުކުރެވޭ ގޮތެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކިއެކި ސަބަބުތަކާއިހުރެ، ވަޒީފާ ދިން މީހުންގެ ތެރެއިން 24-15 އާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ފެނަކަ އިހަވަންދޫ ބްރާންޗުގެ ވަޒީފާއާއި ގުޅެވޭ ގޮތެއް އަދި ނުވެއެވެ. އަދި 5-7 އާއި ދެމެދުގެ އަދަދަކަށް އާރުޑީސީ އިހަވަންދޫ ސައިޓްގެ ވަޒީފާއަށް ނުނިކުމެވި “ވާނުވާގައި” އެބަތިއްބެވެ. އޭގެތެރެއިން ބައެއް މީހުން މިނޫހާ ވާހަކަދައްކަމުންބުނީ އެމީހުންނަށް ވާންވީގޮތެއް އަދި ކުރަންވީކަމެއް މިހާރު ނޭގޭކަމުގައެވެ. “××× ދީފައޮތް ލިޔުން ދައްތަ އަތުގަ އެބައޮތް، އަންގާރަ ހިސާބުގަ ގުޅާނޭ ބުނީ، އަދިވެސް އިންތިޒާރުގައި މިހުރީ ހަބަރެއްނުވޭ!” މެދުއުމުރުގެ އަންހެނަކު އަސަރާއިއެކު ބުންޏެވެ.
އިހަވަންދޫ ޕީއެންސީ ކެމްޕެއިން ޓީމްގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި އެޗިޓްތައް ނުހިނގަނީ އެއީ “ފޭކް” ޗިޓަށްވާތީއެވެ. އެޗިޓުތަކަކީ އޭ.އައި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެހިކަމަށް ބެލެވޭކަމަށް ބުނެއެވެ. އަދި އެފަރާތްތަކުންވަނީ އެއީ ޖިނާއީ ތަހުޤީގު ކުރަންޖެހޭ މައްސަލައެއްކަމަށް ފާހަގަކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން “ރައްޔިތުންގެ ޓީމްގެ” ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކާއި ވާހަކަދެއްކުމުން، އެއީ ފޭކް ޗިޓުތަކެއްކަމަށްބުނާ ބުނުން ދޮގުކުރެއެވެ. ވާހަކަދެއްކި ބައެއްމީހުން ބުނަނީ އެކަހަލަ ކަންކަން ހަމަޖެހުން ވަގުތު ނަގާނެ ކަމުގައެވެ.
ކޮންމެއަކަށް އިންތިހާބުގެ ވާދަވެރިކަމުގައި “ބަހާފައިވާ” ޗިޓުތަކަކީ “އަސްލު” ކަމަށް ވާނަމަވެސް ނުވަތަ “ފޭކް” ކަމަށް ވާނަމަވެސް، އޭގެ ތެރެއިން ބައެއްގައި “ބުރަކިޖެހި” ވަޒީފާ ނުލިބި ބައެއް މީހުންތިބީ ވާނުވާގައިކަން ކަށަވަރެވެ.
ކޮންމެއަކަސް އަޅުގަނޑުމެންނަށް ޔަޤީންވާކަމަކީ މިދަނޑިވަޅުގައި ގިނަބައެއްގެ ހިތުގައި އުފެދޭނީ އަސްލު އުފެދެންޖެހޭ ސުވާލު ނޫންކަމެވެ. ރިޝްވަތުގެ ގޮތުގައި ވަޒީފާ ބެހުމަކީ އެކަމާއިމެދު ސުވާލެއް އުފައްދާނެ މީހަކު ނެތްހާވެސް އާންމުކަމަކަށް އަޅުގަނޑުމެންގެ މުޖުތަމުއަގައި ވެއްޖެއެވެ. ދައުލަތުގެ ކުންފުނިތަކުން އުސޫލުން ބޭރުން ވަޒީފާ އުފައްދައިގެން ބޭނުންބަޔަކަށް ދިނުމަކީ ގޯހެކޭހިތާ ސުވާލެއް އުފައްދާނެ މީހަކު ނެތްހާވެސް އެފަދަކަންކަން އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމުވެއްޖެއެވެ. ވަޒީފާގެ ޕްރޮމޯޝަނަކީ އެމީހަކު ވަޒީފާގައި ދައްކާ ޕާފޯމަންސްގެ ބަދަލުގައި، “ސިޔާސީ އީދުތަކުގައި” ލިބޭ ހަދިޔާކަށް ވުމުގެ ވިޔާނުދާކަމާމެދު ސުވާލު އުފައްދާނެ މީހަކު ނެތްހާ، އެކަންވެސް އާންމުވެއްޖެއެވެ.
އަދިވެސް ދައްކާނެ ލައްކަ ބައިވަރު ވާހަކަ އެބަހުއްޓެވެ. ނަމަވެސް މިފަހަރު ކުރުކޮށްލާނީ އަޅުގަނޑުމެން އެންމެންނަށްވެސް ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ހަރާމާއި ހަލާލް ހޯދައި ބެލުމަށް ވަސިއްޔަތްކުރަމުންނެވެ.