ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި ބާއްވާ ޚާއްޞަ ފަރިއްކޮޅަކަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފިއެވެ.
އެމްޑީޕީ އިހަވަންދޫ ގޮފިން މަޢުލޫމާތު ދޭ ގޮތުގައި، މި އުފާފާޅުކުރުމުގެ ފަރިއްކޮޅު އޮންނާނީ މިރޭ 20:30 ގައި އިހަވަންދޫގެ ދެކުނުފަރާތު ބަނދަރުމަތިން، އެ ޕާޓީގެ ހަރުގެއާ ދިމާގައެވެ.
މި އިންތިޚާބުތަކުގައި އެމްޑީޕީން ވަނީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައެވެ. އެގޮތުން، އިހަވަންދޫ ކައުންސިލްގެ ޖުމްލަ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި ކާމިޔާބުކޮށްފައިވަނީވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މި ފަރިއްކޮޅަކީ ޕާޓީއަށް ލިބުނު މި ބޮޑު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަށާއި، ޕާޓީގެ ސަޕޯޓަރުންނާއި ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެމްޑީޕީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ފަރިއްކޮޅުގައި ބައިވެރިވުމަށް އެދިފައެވެ.