ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...

މުޙައްމަދު އަކުރަމް

2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ރަށު ކައުންސިލްތައް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ ބޮޑު މަސްރޭހެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.

މި މުބާރާތަކީ ކަނޑުތަކުގެ ދިރުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ދިވެހިންގެ ސަގާފީ މަސްވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2026 ވާ ހުކުރު ދުވަހުއެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން މަހަށް ފުރުން އޮންނާނީ އެދުވަހުގެ ހަވީރު 15:00 އާއި 16:00 އާ ދެމެދުގައެވެ. އަދި މަހުން ލަފަންޖެހޭ ގަޑިއަކީ އެރޭގެ 21:00 އެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މެނޭޖަރާއެކު ގިނަވެގެން ތިބެވޭނީ 13 މީހުންނެވެ. މީގެ ތެރޭގައި ދޯނީގެ ދެ ފަޅުވެރިން ނުހިމެނެއެވެ. އަދި ކޮންމެ ޓީމެއްގައި މަދުވެގެން 4 ބައިވެރިން ތިބެންވާނެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުން ވަނަވަނައަށް ހޮވޭ ޓީމުތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ.

  • 01 ވަނަ ޓީމަށް: 30,000.00 ރުފިޔާ
  • 02 ވަނަ ޓީމަށް: 25,000.00 ރުފިޔާ
  • 03 ވަނަ ޓީމަށް: 20,000.00 ރުފިޔާ
  • އެންމެ ބަރުމަސް ބޭނި ފަރާތަށް: 5,000.00 ރުފިޔާ

މިނިސްޓްރީން ބުނިގޮތުގައި، މި މުބާރާތުގެ ވަނަތައް ހޮވާނީ މުޅި ރާއްޖެއިން ބައިވެރިވާ ހުރިހާ ޓީމުތަކުގެ މެދުގައި ކިރޭ މަހުގެ ބަރުދަނަށް ބަލައިގެންނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެކެވެ.