ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ހއ. އިހަވަންދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރަށަށް ބޭނުންވާވަރަށް ކަރަންޓް އުފެއްދުމަށްޓަކައި ނިމިދިޔަ 2020 ވަނަ އަހަރު، 1200 ކވ ( 1.2 މެގަވޯޓް) އިން 2550 ކވ ( 2.55 މެގަވޯޓް ) އަށް ޕަވަރ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށްފައި ވެއެވެ.
އަދި މުސްތަޤުބަލުގައި އިތުރަށް 8000 ކވ ( 8 މެގަވޯޓް ) ގެ ޖެނެރޭޓަރ ސެޓު އިންސްޓޯލްކުރެވޭވަރަށް އައު އިންޖީނުގެއެއްވެސް ވަނީ ނިމިދިޔަ އަހަރު އިމާރާތް ކޮށްފައެވެ. އަދި ޑީސަލް ރައްކާކުރުމަށްޓަކައި ކުރިން ގާއިމުކުރެވިފައި ހުރި 30,000 ލީޓަރ ގެ ޑީސަލް ސްޓޯރޭޖް އަޕްގްރޭޑްކުރެވި 150,000 ލީޓާރ ގެ ސްޓޯރޭޖް އަކަށް ބަދަލުކޮށްފައި ވެއެވެ.
އިހަވަންދޫގައި ކަރަންޓު ބޭނުންކުރާ ގޭބިސީތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް އަބަދުވެސް ވެފައި އޮންނަނީ ކަރަންޓުން ބޭނުންކުރާ އާލާތްތަކަށް އެކަށީގެންވާ ކަރަންޓު ނުލިބޭ ކަމުގެ ޝަކުވާއެވެ. ޒަމާނުންސުރެއް މުޅިރަށަށް ދިމާވެފައިވާ ކަރަންޓް ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިގެ ފަރާތުން ސަރވޭކުރެވި އިހަވަންދޫގެ ކޭބަލް ނެޓްވޯރކް އެއްކޮށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް މިއަހަރު ފެށިގެން ކުރިއަށްދާކަމަށް ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު ސަމީރު މައުލޫމާތު ދެއްވައެވެ.
ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން އިހަވަންދޫއަށް ބޭނުންވާ ލޯވޯލްޓޭޖު ކޭބަލް އަދި ހައި ވޯލްޓޭޖު ކޭބަލް ގަތުމަށް މިހާރު އިޢުލާނުކުރެވިފައިވާ ކަމަށް ސަމީރު މައުލޫމާތު ދެއްވިއެވެ. އަދި ހޯދަންޖެހޭ ޓްރާންސްފޯރމަތައް އަދި އެޗްވީ ޕެނަލްތައް ގަތުމަށްވެސްވަނީ އިޢުލާންކުރެވިފައި ވާއިރު ޓްރާސްފޯރމަތައް ބަހައްޓާ ބިންތަކުގައި ހުރި ބަދަލު ދޭންޖެހޭ އެންމެހައި ތަކެއްޗަށް ބަދަލުދެވި ބިންސާފުކޮށްނިމިފައި ވާކަމަށް ސަމީރު ވިދާޅުވިއެވެ.
“ފޯރމަރު ބަހައްޓާ އިމާރާތްތައް ހެދުމުގެ އަމަލީ މަސައްކަތް މިރަމަޟާންމަސް ނިމުމާއިއެކު އިރާދަ ކުރެއްވިއްޔާ ފެށިގެން ދާނެ” ކަމަށް ސަމީރު ވިދާޅުވިއެވެ. އިމާރާތްތައް ކުރުމަށް ބޭނުންވާ އެންމެހައި ސާމާނު މިހާރު ހަމަޖެހިފައިވާކަން ހާމަކުރައްވާ، ނެޓްވޯރކް އަޕްގްރޭޑިންގ މަސައްކަތް ނިމުމުން މުޅިރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަން ސަމީރު ފާހަގަ ކުރެއްވިއެވެ.
އަދި ރަށުގެ ކޭބަލް ނެޓްވޯރކް ބަދަލުކުރެވެންދެންވެސް، ބޮޑަށް ވޯލްޓޭޖް ޑޮރޮޕްވާ ސަރަހައްދުތަކަށް ވަގުތީ ކޭބަލް އެޅުމުގެ މަސައްކަތް މިއަދުވެސް ކުރަމުންދާއިރު މީގެ ކުރިންވެސް ރަށުގެ 3 ސަރަޙައްދަކަށް ވަގުތީ ކޭބަލް ފެނަކައިން އަޅާފައި ވެއެވެ.