ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އަލިފާން ނިއްވަން ދަސްކޮށްދޭ ޕުރޮގުރާމެއް ކުރިއަށް ގެންދިއުމަށް ތައްޔާރު ވަމުން އެބަދެއެވެ.
އިހަވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އިމަގު ޖަމިއްޔާގެ ރައީސް އަލްފާޟިލް މޫސާ ޢަލީ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ ނިމިދިޔަ ރަމަޟާންމަސް ތެރޭ ހަމައެކަނި މަސްވެރިންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ރޭވުނު ހަރަކާތެއް ނަމަވެސް އެދުވަސްވަރު މިމަސައްކަތު ބައްދަލުވުން ބޭއްވިފައި ނުވާކަމަށެވެ. 2 ދުވަހަގެ މުއްދަތައް ބާއްވާ މިމަސައްކަތު ބައްދަލުވުމުގައި އާއްމުން ނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރުންގެ އެހީއާއެކު ކުރިއަށް ގެންދާ މިމަސައްކަތު ބައްދަލުވުމުގައި އަލިފާން ނިއްވުމުގެ އުކުޅުތަކާއި ސަމާލުވާންވީ ކަންކަން ދަސްކޮށްދެވޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރައްވައެވެ. އޮންލައިންކޮށް ފުރާލެވޭ ފޯމަކުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވޭ އިރު، މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް މޫސާ ޢަލީ ވިދާޅުވިއެވެ. މަސައްކަތު ބައްދަލުވުން ބާއްވާނެ ތާރީޚެއް ނިއްމާނީ ބައިވެރިވާ ފަރާތްތަކުގެ ނިސްބަތަށް ބަލާފައިކަމަށް މޫސާ ޢަލީ ވިދާޅުވިއެވެ.