ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފިއެވެ. މުހައްމާ ޕީޕީއެމްއާއި ގުޅުނީ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޕީޕީއެމްއާއި ގުޅުމަށް ފަހު މުހައްމާ ވަނީ ޕީޕީއެމްއާ ދުރުގައި އެހާ ދުވަހު ހުރެވުނީތީ ދެރަވާ ކަމަށް ބުނެ، ޕާޓީގެ މެމްބަރުންގެ ކިބައިން އެކަމަށް މައާފަށް އެދިފައެވެ.
2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މުހައްމާ ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް 9 ޖުލައި 2014 ގައި މުހައްމާވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އެއަށްފަހު 2018 ވަނަ އަހަރު މުހައްމާ ވަނީ އެމްޑީޕީއަށް ސޮއެކޮށް 2019 ވަނަ އަހަރު އޮތް އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްފައެވެ. ނަމަވެސް ޕްރައިމެރީއިން ނާކާމިޔާބު ވުމުން އެމްޑީޕީން ވަކިވެ، 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްފައިވަނީ އަމިއްލަގޮތުންނެވެ.