ހއ.މަޑުލު ވަރުވާއަށް ނަގާފައިވާ ފަރާތުން އެރަށް ވަކިކުރުމަށް ހއ.އަތޮޅު ކައުންސިލުން ގޮވާލައިފި

ޢަބުދުﷲ ޙަމީދު

ހއ. މަޑުލުން ޤަވާޢިދާ ޚިލާފަށް ވެލިނަގާ މައްސަލާގައި ފިޔަވަޅު އަޅައި، އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ރަށް ވަކިކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވައިލައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގެ 15 މެމްބަރުންގެ ސޮޔާއި އެކު މިއަދު އާއްމުކުރި ނޫސަބަޔާނުގައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތަކަށް ދޫކޮށްފައިވާ، އެ އަތޮޅު މަޑުލުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް، ޒަމާނީ އާލާތްތައްބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެލި ނަގައި، ގައު އަޅައި، ފުޅާދާއިރާއެއްގައި ގަލުގެ ވިޔަފާރި ކުރަމުންދާކަމަށާއި މިމަސައްކަތުގައި ކޮޅުވެއްޓި ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ގަލާއި ވެލި އުފުލަމުންދާކުމުގެ ޝަކުވާ އެކައުންސިލަށް ލިބެމުން ދިޔުމާގުޅިގެން ކައުންސިލުން އެކަން ބެލިބެލިމުން އެކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ތިލަދުންމަތީ އުތުރުބުރީ “މަޑުލު” ވަރުވާއަށް ލިޔެފައިވާ ފަރާތުން ގިނަޢަދަދަކަށް ވެލިނަގައި، ރަށުގެ ތިމާވެއްޓަށް، ގެއްލުންލިބޭނެކަން އެނގިހުރެ އެރަށުގައި ގައު އަޅައި ވިޔަފާރީގެ ގޮތުގައި ގައު ވިއްކަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން އެ ކައުންސިލުން ކުށްވެރިކުރާކަން ހާމަކުރައްވައި ދައުލަތުން އެރަށް ދޫކޮށްފައިވާ މަޤްޞަދާ ޚިލާފަށް، ޤާނޫނާ ޚިލާފު މަސައްކަތްތަކެއް ކުރަމުންދާތީ މިހާރު އެރަށް ވަރުވާއަށް ލިޔެފައިވާ ފަރާތުން ރަށް ވަކިކޮށް އެ މައްސަލަތައް ބަލައިދިނުމަށް، ކައުންސިލުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.