އެޗްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ނަބާހް ހޯދައިފި

.

2025 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ (HSC) އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ، ހއ. އިހަވަންދޫ، އަރާވިލާ، އަޙްމަދު ނަބާޙް ހޯދައިފިއެވެ.

އޭލެވެލް އާއި އޯލެވެލް އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ހުޅުމާލޭ ސީއެޗްއެސްއީ (CHSE) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ނަބާހް ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކޮށް އޭނާއަށް ވަނީ އިނާމު އަރުވާފައެވެ. ނަބާހްއަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު އެވެ.

ވަކިވަކި މާއްދާތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުން

މި ރަސްމިއްޔާތުގައި، އެކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ވަނީ ފާހަގަކޮށް، އަގުވަޒަންކޮށްފައެވެ. އެގޮތުން:

  • އޭލެވެލް އިމްތިހާނު: ވަކިވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި 6 ދަރިވަރަކަށް އިނާމު ދީފައިވެއެވެ.

  • އޯލެވެލް އިމްތިހާނު: ވަކިވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި 19 ދަރިވަރަކަށް އިނާމު ދީފައިވެއެވެ.

ޖުމްލަ ދެ ދުވަހުގެ މުއްދަތަށް، ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކުލަގަދަ އިނާމު ދިނުމުގެ ޖަލްސާގައި، އޭލެވެލް އަދި އޯލެވެލް އިމްތިހާނުން ގައުމީ ގަދަ 10 (Top 10) އެވޯޑު ހާސިލްކުރި 1,400 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.