އަތުލިޔުމުން ލިޔެފައިވާ އާސާރީ ހަތިމަށް ރައްކާތެރިކަން ނުދެވި ދޫކޮށްލެވިފައި!

މުޙައްމަދު އަކުރަމް

އިހަވަންދޫ އާސާރީ މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމް ދިވެހިންގެ ސަމާލުކަމަށް ބޮޑަށް އައީ، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިހަވަންދުއަށް ކުރެއްވި ކެމްޕޭން ދަރުފުޅެއްގައި އެހަތިމު ބައްލަވައި، އެހަތިމުގެ މައުލޫމާތާއިއެކު ފޮޓޯތަކެއް ޓްވީޓް ކުރެއްވުމުންނެވެ.

ނަމަވެސް ރައީސް ނަޝީދު އެހަތިމްގެ ފޮޓޯ ޓްވީޓް ކުރުމުގެ ކުރިންވެސް ބައެއް ފަރާތްތަކުންވަނީ އެހަތިމްގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ތިލަކޮށްފައެވެ. އެގޮތުން 2019 ވަނައަހަރު، އޭރު މަދީނާ ޔުނިވާސިޓީގެ ދަރިވަރެއްކަމަށްވާ ހާތިމް ޔޫސުފްވެސް ވަނީ އެހަތިމާބެހޭ ތަފްސީލީ ވާހަކަތަކެއް ފޭސްބުކްގައި ޕޯސްޓް ކޮށްފައެވެ.

އައްޝެއިހް ހާތިމް ޔޫސުފް ހަތިމް ބައްލަވާ ލައްވަނީ. ފޮޓޯ: ހާތިމް ޔޫސުފް


ހަތިމު ހާއްސަވަނީ ކީއްވެ؟

އިހަވަންދޫ އާސާރީ މިސްކިތުގައި އަތުންލިޔެ ފައިވާ މުސްހަފު ފޮތްބަޔަކާއި ކަހުފު ސޫރަތުގެ ފޮތްބައެއް އޮވެއެވެ. މިތަކެތި ހުންނީ ލަކުޑި ފޮށްޓެއްގައެވެ. މުސްހަފުގެ  30 ޖުޒުއު 30 ފޮތުގައި ވަކިން ލިޔެފައިވެއެވެ. ކޮންމެ ފޮތެއްގެ ފުރަތަމަ ސޮފުހާގައި މުސްކުޅި ތާނަ އަކުރުން ދިވެހިން ތާރަފެއް ދީފައިވެއެވެ. މި މުސްހަފު ފޮތްބައިގެ ބަނޑޭރިގަނޑު ހުރީ ރަތް ކުލައިގައެވެ. މި މުސްހަފު ފޮތްބައިގައި ބަޔާންކޮށްފައިވާ ގޮތުން މުސްހަފު އަތުން ލިޔުއްވާފައި ވަނީ “އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ” އެވެ. ދެން މި ފޮތްބައި އިހަވަންދޫ މާ މިސްކިތަށް ވަގުފުކުރީއެވެ. ބަލަހައްޓަން ހަވާލުކުރީ “އުސްމާން ކަލޯ”އާއެވެ.

ކަހުފު ސޫރަތުގެ ފޮތްބައި ލިޔުއްވާފައި ވަނީ ނޮޅިވަރަމް އާދަމް ބިން ހަސަން އެވެ ކިޔާ ބޭފުޅެކެވެ. މި ފޮތްބައިގެ ބަނޑޭރިގަނޑު ހުރީ ނޫކުލައިގައެވެ.

މުސްހަފު ފޮތްބައި ލިޔުނު ތާރީހެއް އަހަރެއް ވިޔަސް އެނގޭކަށް ނެތެވެ. ނަމަވެސް  ކަހުފު ސޫރަތުގެ ފޮތްބައި ލިޔެފައި ވަނީ ހިޖުރައިން 1300 ވަނަ އަހަރުކަން އެނގެން ހުރެއެވެ. ކަހުފު ސޫރަތުގެ ފޮތްބައަކީ މުސްހަފަށްވުރެ މާ ފަހުގެ ފޮތްބައެއްކަން ކަށަވަރުވެއެވެ. މުސްހަފު ފޮތްބަޔަށް 250 އާއި 300 އަހަރާ ދެމެދު މުއްދަތެއް ވެދާނެކަމަށް ލަފާކުރެއެވެ.

އިހަވަންދޫ އާސާރީ ކުރު މިސްކިތަކީ 321  ވެފައިވާ، ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖޭގެ އުތުރުގައި ހުރި ހިރިގަލުގެ އެންމެ ރީތި މިސްކިތެވެ. އެ މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ތަނެކެވެ. އަދި ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އެމިސްކިއް ހިމެނުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިސްކިތާއި މިސްކިތުގެ ހަރިންމަ އެތެރޭ ހިމޭނޭ އެންމެހާތަކެތި އަސްލު ނުގެއްލޭގޮތަށް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ނުހަނު މުހިއްމުކަމެކެވެ.


ރައީސް ނަޝީދު ހަތިމުގެ ފޮޓޯ އާންމުކުރެއްވުން

ރައީސް މުޙައްމަދު ނަޝީދު އެހަތިމުގެ ފޮޓޯ ޓްވީޓް ކުރެއްވުމާއިއެކު އެކަންވީ ވަރަށް ހައްސާސް މައްސަލަ އަކަށެވެ. އެކަމާ އިހަވަންދޫ ކައުންސިލުން ވަރަށް ބޮޑަށް ނުރުހުންވެ ކަންބޮޑުވިއެވެ. އެކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެފަދަ ހަތިމެއް އޮތްކަން ފާޅުނުކުރަނީ އެފަދަ މުހިންމު ތަރިކައެއް އޮތްކަން އާންމު ގޮތެއްގައި ފާޅުކޮށްފިނަމަ އެ ބެލުމުގެ ޝައުގު ގިނަ ބަޔަކު ހުންނާނެތީ، އަދި އެ ހަތިމު ބަލަން ނަގަން ފަށައިފިނަމަ އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

”އަނެއްކާ މި ޒަމާނުގެ ގޮތުން އެ ހަތިމު ގެއްލުމުގެ ބިރުވެސް އޮވޭ، އެހެންވެ އަޅުގަނޑުމެން އެ ހަތިމުގެ ވާހަކަ ވަނީ މިރަށާއި ހަމައިން ހިފަހައްޓާފައި، މީޑިއާއަށް ފޮޓޯލައި، އެކަން އާންމުކޮށް ނަހަދަނީ ހަތިމުގެ ރައްކާތެރިކަމަށްޓަކައި” އިހަވަންދޫ ކައުންސިލްގެ އޮފިޝަލަކު ތިލަދުން ނޫހަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ނަޝީދުގެ ޓުވީޓާއި އެކު ކައުންސިލުން އެއުޅުނު ގޮތަކީ، ހަތިމުގެ ފޮޓޯތަށް މީހުން އާނމުކުރުމުން އިހަވަންދޫގެ އެއްވެސް ކައުންސިލަކުން އުޅުނުގޮތެއް ނޫނެވެ. ނަޝީދުގެ އެއަމަލުގެ ސަބަބުން އެމަނިކުފާނު ކުށްވެރިވެ، ހަތިމުގެ ސަލާމަތާއި ރަށްކާތެރިކަމަށް އުނިކަމެއް އައިކަން ދަށްކުވައިދިނުމަށް ކައުންސިލް (ކައުންސިލްގެ ނަންމަތީގައި މީޑިއާޔާއި ވާހަކަދަށްކާ ފަރާތް) ވަރަށް ބޮޑަށް މަސައްކަތްކުރެއްވިތަން ފެނުނެވެ. އެ ފޮތްފޮށީގައި ހުރި ފޮތް ބަލައި ކިޔުން ކައުންސިލުން އެއްވެސް އިރަކު މަނާކޮށްފައި ނުވެއެވެ. މިސްކިތުގައި އެހަތިމަކީ މިސްކިތަށް މީހަކު ވަގުފުކޮށްފައި އޮތްއެއްޗެކެވެ. ވަކި ބޭފުޅަކު އެ ފޮށީގައި ހުރި ފޮތުގައި އަތް ޖެއްސެވިއަތީ އެކަމާމެދު ކައުންސިލުން ފާޅުކުރި ނުރުހުމަކީ އިންތިހާއީ ނަފުރަތާއި ޒާތީ ތައައްސުބުން ފުރިފައިވާ  ޝުއޫރެއްކަމަށްވެދާނެއެވެ.



އާސާރީ ތަރިކަ ހިމާޔަތްކުރެވޭނީ އެތަކެތި ހުރިކަން ސިއްރުކޮށްގެން!

ތާރީހީ ސަގާފީ ތަރިކައެއްގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަން އޮތް ކަމަކީ އޭގެ މައުލޫމާތު ހާމަވިޔަނުދީ ވަންހަނާކުރުން ކަމަށް ކައުންސިލަށް ވިސްނިފައި އޮތް އޮތުމީ  ފަހަރުގައި މުސްކުޅި ވިސްނުމަކަށް ވެދާނެއެވެ.

އެއްޗެއްގެ ހާއްސަކަމާއި އޭގެ މުހިއްމުކަން ގިނަބަޔަކަށް ހާމަވާނެހެން އިސްތިހާރުވުމަކީ އެއެއްޗެއްގެ އަގުއަރާނެ ކަމެއްކަން ޔަޤީނެވެ. ހަމަގައިމުވެސް އައްޝެއިހް ހާތިމް ޔޫސުފް އަދި ރައީސް ނަޝީދު ފަދަ ބޭފުޅުން، އާސާރީ މިސްކިތުގައޮތްއެ ހަތިމް ދިރާސާކުރައްވާ އާނމުކުރެއްވި އިލްމީ މައުލޫމާތުގެ ސަބަބުން އެހަތިމްގެ ހާއްސަކަން އެތައްގުނައެއް އިތުރުވެއްޖެއެވެ. އެއާއިމެދު އާނމުންގެ މެދުގައިއޮތް ޝައުގުވެރިކަން އެތައްގުނައެއް ބޮޑުވެއްޖެއެވެ. މިސްކިތުގެ އެއްކަނެއްގައިހުރި ފޮށްޓެއްގައި އޮތް ހަތިމެގެ ކުރިޔަށް “އަތުން ލިޔެފައިވާ” “އާސާރީ” ފަދަ ބަސް ބަސް އިތުރުވެއްޖެއެވެ. އާސާރީ މިސްކިތުގެ ހާއްސަކަން އިތުރުކޮށްދޭ އެއްޗަކަށް ވެއްޖެއެވެ. އިހަވަންދޫ ފަހުރުވެރިވާ ތަރިކައެކަށްވެއްޖެވެ.

ކޮންމެއަކަސް ހަތިމުގެ ހިމާޔަތުގައި ނުކުންނާނެ އެތައް ބަޔަކު އުފެދިއްޖެއެވެ. އަޅުގަނޑަށްވެސް މިތާ މިވާހަކަ ލިޔާން ޖެހިއްޖެއެވެ.

ހަތިމަށް ރަށްކާތެރިކަން ދިނުމަކީ  އެބޮޑު ފޮއްޓަށްލާ ތަޅުލާ ސިއްރެއްގެ ގޮތުގައި ބޭއްވުމެއްނޫނެވެ. އޭގައި ހުރި ފޮތް ހަލާކު ނުވާނޭ ގޮތަށް ފަރުވާދިނުމެވެ. ސަލާމަތްތެރިކަމާއެކު އެ ހުންނާނޭ ގޮތް ހަދައި ހިމާޔަތްކުރުމެވެ. އޭގެ ޑިޖިޓަލް ކޮޕީ ނަގައި ރައްކާކުރުމެވެ. އޭގެ މައުލޫމާތު ވީހައި ވެސް ބޮޑަށް އާންމުކުރުމެވެ. އެއަށް ގެއްލުންނުވާނެހެން ހަތިމް ބަލަން ބޭނުންވާ ފަރާތްތަކަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.


ނަޝީދުގެ ޓްވީޓް ވައިރަލްވުމާއިއެކު ހަތިމް ގެއްލުން

ރައީސް ނަޝީދު ހަތިމުގެ ވާހަކަ ޓްވީޓް ކުރެއްވުމާއިއެކު ރާއްޖޭގެ މަޝްހޫރު މީޑިއާތަކުން އެހަބަރު ކަވަރުކުރިއެވެ. އެއާއެކު ދެންފެންނަންފެށި ހަބަރަކީ ހަތިމު ގެއްލުނު ވާހަކައެވެ. އަސާރީ މިސްކިތުގައި ހަތިމު ނެތްވާހައެވެ. އެކަމަށް އިހަވަންދޫ ކައުންސިލުން ޖަވާބުދެއްވިއެވެ. ހަތިމު އޮތީ ކައުންސިލް އިދާރާގައިކަން ޔަޤީން ކޮށްދިނެވެ. ކައުންސިލަށް އެވަގުތު ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ބުނަމުންނެވެ.


ހަތިމް މިސްކިތުން ބޭރުކުރެވިދާނެތަ؟

“މި ފޮތްފޮށީން ފޮތެއްވިޔަސް ނުގެންދާ ހުށި” އެ ހަތިމުގައި ލިޔެ ވަސިއްޔަތްކޮށްފައި އޮންނަނީ މިހެންނެވެ. އެ މުސްހަފަކީ ވަގުފެއް ކަމަށް ވަތީ އެ މުސްހަފު މިސްކިތުން ބޭރުކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެތާއެވެ. ނަމަވެސް އެމުސްހަފުގެ ބަދަލުގައި ވަގުފުގެ މަގުސަދު ހާސިލުވާގޮތަށް އެހެން މުސްހަފެއް މިސްކިތުގައި ބާއްވާފައި އެ މުސްހަފު ރައްކާތެރި އެހެން ތަނަކަށް ބަދަލުކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ދެކެލައްވައެވެ.


 ހަތިމް މިހާރު ކޮބާ؟

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތިމް މިވަގުތު އޮތީ އިހަވަންދޫ އާސާރީ މިސްކިތުގައެވެ. ހަތިމް ބެލުމަށް އުސޫލުއް ނުވަތަ ޤަވާއިދެއް ހަދާފައި ނުވާތީ އާނމުންނަށްވެސް ހުރަހެއްނެތި ނެގޭގޮތަށެވެ. ހަތިމަށް ރައްކާތެރިކަން ދިނުމަށް އިހަވަންދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ ބެލުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.