އިމަގު ޖަމިއްޔާއިން ފަންޑު ފޮއްޓެއް ހުޅުވައިފި

އިބްރާހިމް ނަޝީދު

މިއަހަރުގެ ޑިސެމްބަރ މަހު 3 ވަނަ ދުވަހު އިހަވަންދޫގައި ފެށުމަށް ހަމަޖެހިފައިވާ 44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދާކުރާ އިމަގު ވޮލީ ޓީމަށް އެހީތެރިވެދިނުމުގެ ގޮތުން އިމަގު ޖަމިއްޔާއިން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

އިމަގު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހއ. އަތޮޅު ކައުންސިލް އިމަގު ރަސްބެރު ޗެލެންޖު 2012 ގެ ރޭ އޮތް ފައްސިޔަ ބުރުގެ އެލިމިނޭޝަން ޝޯވގައި މިފަނޑު ފޮށި ހުޅުވައިދެއްވީ ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. އިމަގު ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި ޤައުމީ ވޮލީބޯޅަ މުބާރާތް ނިމެންދެން މިފަންޑު ފޮށި އިމަގު ވެހީގަ އަދި ރުއްގަނޑު ހޮޓަލުގައި ބެހެއްޓިފައި ހުންނާނެ އެވެ. މީގެއިތުރުން ހއ. އަތޮޅު ކައުންސިލް އިމަގު ރަސްބެރު ޗެލެންޖުގެ ޝޯވ ތައް ކުރިއަށްދާއިރު އެސަރަހައްދުގައިވެސް ފަނޑުފޮށި ބެހެއްޓިފައި ހުންނާނެކަމަށް އިމަގުން މައުލޫމާތު ދެއެވެ.

އިމަގު ވޮލީ ޓީމަށް އެހީ ހޯދުމުގެ ގޮތުން އިމަގުން ފަންޑު ފޮއްޓެއް ބަހައްޓާފައިވާއިރު ކުލަބު ޕޯލްސްޓަރގެ ވޮލީ ޓީމަށް ފައިސާ ހޯދުމަށް ޕޯލްސްޓަރ އިން މިދިޔަ ހޮނިހިރު ދުވަހުވަނީ މަސައްކަތު ދުވަހެއް ފާހަގަކޮށްފަ އެވެ. އެޙަރަކާތުން 23000 އަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ޕޯލްސްޓަރ އިން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތުގައި ވާދަކުރާ އިމަގު ޖަމިއްޔާއާއި ޕޯލްސްޓަރ އިންވެސް ބިދޭސީ ކުޅުންތެރިޔަކާއި ޤައުމީ ފެންވަރުގެ ކުޅުންތެރިން ގެނައުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 22 ގައި ހަމަވާއިރު މިހާތަނަށް މިމުބާރާތުގައި 7 ޓީމަކުން ބައިވެރިވެފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ކުލަބު ޕޯލްސްޓަރ އިން މައުލޫމާތު ދެއެވެ. އެއީ އިހަވަންދޫގެ 2 ޓީމު ކަމަށްވާ އިމަގު ޖަމިއްޔާއާއި ކުލަބު ޕޯލްސްޓަރގެ އިތުރުން ހދ. ނޮޅިވަރަމް އާއި ހދ. ފިނޭ އާއި ހއ. ވަށަފަރާއި ހއ. މުރާދޫ އަދި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބެވެ.