ދަޢުލަތް ބިނާވާގޮތް

މުޙައްމަދު ފިރާޟް

ދައުލަތް އެންމެ ކުރުކޮށް ކިޔުންތެރިން ނަށް ބުނެދިނުމަށް ބުނެވޭނެ ގޮތަކަށް އަޅުގަނޑުގެ ހިޔާލަށް އައި ޢިބާރާތަކީ؛ ދަޢުލަތް އެއީ ސިޔާސީ ރޭވުންތަކާއެކު ސަރުކާރެއްގެ ދަށުން  ކަނޑައެޅިފައިވާ ވަކި ޞަރަޙައްދެއްގައި ދިރިއުޅެމުން އަންނަ މީހުންނެވެ. ދަޢުލަތެއް އުފެދި ބިނާވެގެން ދަނީ މައިގަޑު 4 (ހަތަރެއް) އަސާސްތަކެއްގެ މައްޗަށެވެ. މި އަސާސްތައް ވަރަށް ކުރުގޮތަކަށް ލިޔެލަމެވެ.

  1. އިންސާނީ ވަޞީލަތް (އާބާދީ): ދަޢުލަތެއް އިންސާނީ ވަޞީލަތާކައި ނުލައި ހަމަޤައިމު ވުޖޫދަކަށް ނާންނާނެއެވެ. އެހެނީ، ސަރުކާރު އުފައްދައި ސިޔާސީ ހަރަކާތް ހިންގާ ފަރާތަކީ ހަމަ އިންސާނުންނެވެ.
  2. ލިބިފައިވާ ޞަރަހައްދު (ޓެރިޓަރީ) : ދައުލަތެއް ގައި އެ ދައުލަތް ނިޞްބަތްވާ ޤައުމަކަށް ކަނޑައެލިފައި އޮންނަ ބިމުގެ ޞަރަހައްދާއި، ވައިގެ ޞަރަޙައްދާއި އަދި ކަނޑުގެ ޞަރަހައްދު އޮންނަން ޖެހެއެވެ. ދައުލަތު ކަނޑުގެ، ބިމުގެ އަދި ވައިގެ ވަޞީލަތްތައް ކަނޑައެޅެނީ މި ޞަރަޙައްދު ތަކުން ނެވެ.
  3. އަމިއްލަވަންތަކަން (ސަވަރިނިޓީ): މިނިވަންކަމާއެކު އެހެން ބައެއްގެ އަޅުވެތިކަމެއް ނެތި ކަންތައް ނިންމުމުގެ ބާރު ދައުލަތެއްގައި ކޮންމެހެން އޮންނަން ޖެހެއެވެ.
  4. ސަރުކާރު: ދަޢުލަތެއްގައި އެޑްމިނިސްޓްރޭޓިވް ޔުނިޓް އެއް ޤާއިމު ވެފައި އޮންނަށް ޖެހެއެވެ. މި އަށް އަހަރެމެން ކިޔައި އުޅެނީ ވެރިންކަން ކުރާ ބޮޑީ ނުވަތަ ސަރުކާރެވެ. ދައުލަތުގައިވާ ވެރިކަން ކުރާ ނިޒާމަކީ ސަރުކާރެވެ.

މީގެ އިތުރުންވެސް، ދަޢުލަތެއްގެ ތެރެއިން ފެނިގެންދާނެ ކަންތައްކެއް ހުރެއެވެ. އެއީ ޢަދުލުންއިންސާފު ޤާއިމު ކުރުމުގެ ފުރިހަމަ ނިޒާމާއި އެންމެހާ މީސްތަކުން އެ ނިޒާމަށް ބޯލަބައި އިހްތިރާމް ކުރާ މަންޒަރެވެ. އަދި ސަރުކާރުގެ ޤާނޫނު އަސާސާއި ސަރުކާރު ހިންގުމަށް ހެދިފައިވާ އެންމެހާ ޤަވަޢިދުތަކާއި ޤާނޫނު އަސާސީން ރައްޔިތުން ކަށަވަރުކުރާ ހައްޤު ތަކެވެ. މީގެ އިތުރުން ދަޢުލަތް ރަމްޒީ ގޮތުން އެހެން ޤައުމުތަކަށް ދައްކައި ދިނުމަށް ބޭނުން ކުރާ ދަޢުލަތުގެ މީހުން ވާހަކަ ދައްކައި އުޅޭ ބަހުރުވަ އާއި، ދިދަ އާއި ނިޝާން އަދި ޝަގާފަތާއި އާދަ ކާދަތައް، އެއީ ވެސް ކޮންމެ ދަޢުލަތެއްގައި ފެންނަ އެއްޗެވެ. ސިޔާސީ ފިކުރުންބަލާނަމަ ދަޢުލަތާއި، ޤައުމާއި، ސަރުކާރު އެއީ ވަކިން ތަފާތު ތިނެއްޗެކެވެ. ނަމަވެސް، ޢާންމު އުޞޫލުން ބަލާނަމަ ދަޢުލަތާއި ޤައުމު އެއީ އެކައްޗެއްކަމަށް ބެލެވިދާނެއެވެ.