ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި 8-2 އިން އުލިގަން ބަލިކޮށް، ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ހޯރަ ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެނިމިފައިވާއިރު، ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ހޯރަ ޔުނައިޓެޑް، ކުޅިމަގު، އެންވީކޭ އަދި ދިއްދޫ ހީވެސްނުވޭ ޓީމެވެ. ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅިމަގަށް ސެމީފައިނަލުން ޖާގަލިބުނުއިރު، އެގްރޫޕްގެ ދެވަނަ ޓީމަކީ އެންވީކޭއެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމް ހޯރަ ޔުނައިޓެޑް އޮތީ ގްރޫޕް ބީ ގެ އެއްވަނާގައެވެ. ދެވަނަ ޓީމެއްގެ ގޮތުގައި އޮތީ ދިއްދޫ ހީވެސްނުވޭއެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާކުޅޭއިރު، ހޯރަ ޔުނައިޓެޑާއި ބައްދަލުކުރާނީ އެންވީކޭއެވެ. އަދި ހީވެސްނުވޭއާ ދެކޮޅަށް ނުކުންނާނީ ކުޅިމަގެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ. މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.