އިމާރާތްކުރުމުގައި ސަލާމަތީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އިހަވަންދޫ ކައުންސިލުން އިލްތިމާސްކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ކުރިއަށްދާ އިމާރާތްކުރުމުގެ ހުރިހާ މަސައްކަތްތަކަކީ އާންމުންނަށާއި މަސައްކަތްތެރިންނަށް އަމާން، ރައްކާތެރި މާހައުލެއްގައި ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިހަވަންދޫ ކައުންސިލުން  އިލްތިމާސް ކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން މިއަދު  ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިމާރާތްކުރުމުގެ ހުއްދަ ލިބިގެން  މަސައްކަތް ކުރިއަށްގެންދާ އެންމެހާ ފަރާތްތަކުން (ވެރިފަރާތްތަކާއި، ކޮންޓްރެކްޓަރުން އަދި ސަބް-ކޮންޓްރެކްޓަރުން) “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު” އަށް ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށެވެ. މި އެންގުމާ ޚިލާފުވާ ފަރާތްތަކާ މެދު ލާމަރުކަޒީ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކައުންސިލުން ވަނީ ދީފައެވެ.

އިމާރާތްކުރުމުގެ މަސައްކަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމަކަށްވާތީ، މަސައްކަތުގެ ވެށީގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަމިއްލަ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކުރުން  އެގަވާއިދުގައ ވަނީ މަޖުބޫރުކޮށްފައެވެ. އެގޮތުން ސޭފްޓީ ބެލްޓް، ހެލްމެޓް، އަންގި، ސޭފްޓީ ބޫޓު އަދި ވެލްޑިންގ މާސްކް ފަދަ ތަކެތި ބޭނުންކުރުމާއެކު، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ރޭވުމެއް ސައިޓްތަކުގައި އޮންނަންޖެހެއެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ސަލާމަތީ ފިޔަވަޅުތަކުގެ ތަމްރީން ދިނުމަށާއި، ކޮނެފައިވާ ވަޅުގަނޑުތައް ބިތްގަނޑު ޖަހައި ފޮރުވައި، ރައްކާތެރިވުމަށް އަންގާ ނިޝާންތައް ހަރުކުރުމަށް ވަނީ އަންގާފައެވެ.

މި އެންގުމުގައި ހަމައެކަނި މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ އިތުރުން، މަގުން ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންނާއި އަވަށްޓެރި ގޭގޭގެ ސަލާމަތަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އެގޮތުން 3 މީޓަރަށްވުރެ އުހުގައި މަސައްކަތްކުރާނަމަ، އަވަށްޓެރި ފުރާޅުތަކަށާއި މަގުމައްޗަށް ސިމެންތި، ކުލަ، ދަވާދު އަދި ކުނޑި ފަދަ ތަކެތި ނުވެއްޓޭނެ ފަދަ ވަރުގަދަ ސޭފްޓީ ނެޓް ނުވަތަ ސަތަރި ހަރުކުރުމާއި، ހިނގާ މީހުންގެ ބޮލަށް އެއްޗެހި ނުވެއްޓޭނެހެން ‘ގެންޓްރީ’ ޖަހައި ސައިޓް ވަކިކުރަންޖެހެއެވެ. އަދި ތަށިމުށި ކެފުމާއި ޕުޓީ ގޭނުމުން އުފެދޭ ކުނޑިއާއި، ސިއްހަތަށް ގެއްލުން ހުރި ވަސްދުވާ ކެމިކަލްތަކުން އާންމުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށްވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

ރަށުގެ ތިމާވެށްޓާއި ސާފުތާހިރުކަން ހިފެހެއްޓުމުގެ ގޮތުން، ސައިޓްތަކުގައި ބޭނުންކުރާ ޓިނާއި ފްލައިވުޑް ފަދަ ތަކެތި ވައިގަދަވެގެން ވިއްސައިގެން ނުދާނެހެން އައްސައި ބެލެހެއްޓުމަށާއި، އުފެދޭ ކުނިބުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނޭޅުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމުމަށްފަހު، ސައިޓާއި ވަށައިގެންވާ ސަރަހައްދު ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އިހަވަންދޫ ކައުންސިލުން ބާރުއަޅަނީ އިމާރާތްކުރުމުގެ ކުރިންނާއި އަމަލީ މަސައްކަތް ކުރާއިރު ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ފުރިހަމަކޮށް، ރަށުގެ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އިހަވަންދޫ ކައުންސިލުން މިފަދަ އިލްތިމާސްއެއް މިނެރުނީ އިހަވަންދޫގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ހަދަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިމާރާތްކުރުމުގައި ސަލާމަތީ ކަންކަމަށް އިސްކަންދޭ މިންވަރު ދަށްވެ އާނމުންގެ މެދުގައިވެސް އެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރެވެއެވެ.