ކީރިތި ރަސޫލާއަށް ކުރެވޭ އިޙްތިރާމުގެ ތެރެއިން އަހަރެމެން ހުރިހާ މުސްލިމުންވެސް ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ މަންމާފުޅު އާމިނާ ބިންތި ވަހަބް އާއި ބައްޕާފުޅު ޢަބްދުﷲ ބިން ޢަބްދުލްމުއްޠަލިބްގެ ޢާޚިރަތުގެ ހާލަތާބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެއެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ވަނީ ތަފާތު ރައުޔުތަކެއް އުފެދިފައެވެ. މިލިޔުމުގައި މި ޚިލާފުތަކުގެ ކުރު ޚުލާޞާއެއް ގެނެސްދެވޭތޯ ބަލާނަމެވެ.
ކީރިތި ރަސޫލާގެ މަންމާފުޅާއި ބައްޕާފުޅު ވަނީ ސުވަރުގޭގައިކަމަށް ބުނާ ޢިލްމުވެރިންގެ ދަލީލުތަކާއި އެޢިލްމުވެރިން އެހެން ބުނާ ސަބަބުތައް
ބައެއް ޢިލްމުވެރިން، ޚާއްސަކޮށް ފަހުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ރަސޫލާގެ މައިންބަފައިން ވަނީ ސުވަރުގޭގައެވެ. މިކަމަށް އެބޭކަލުން ދައްކަވާ ދަލީލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ކީރިތި ރަސޫލާ ﷺ ގެ މައިންބަފައިންނަކީ އަހުލުލް-ފަތުރާގެ މީހުން ކަމުގެ މައްޗަށް އަސާސްވެ ގެންނަވާ ދަލީލެވެ. ރަސޫލާގެ މައިންބަފައިން ދިރިއުޅުއްވީ ނަބީކަމުގެ ކުރިއަށް ކަމަށްވާތީ، އެބޭކަލުންނަކީ “އަހުލުލް-ފަތުރާ” (ނަބީއަކު ނުވަތަ ރަސޫލަކު ނެތް ޒަމާނެއްގައި ދިރިއުޅުނު މީހުން) ގެ ތެރެއިން ދެބޭކަލުން ކަމުގައި މިޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ދަލީލެއްގޮތުގައި މިޢިލްމުވެރިން ނަންގަވަނީ އިސްރާ ސޫރަތުގެ 15 ވަނަ އާޔަތުގައިވާ : “وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا”. މިބަސްފުޅެވެ. މި އާޔަތުގެ މާނައީ: “ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން، ތިމަންރަސްކަލާނގެ ޢަޛާބެއް ނުދެއްވާ ހުށީމެވެ.” މިހެންކަމުން، އެބޭކަލުންނަށް އިސްލާމްދީނުގެ ދަޢުވަތު ފޯރާފައިނުވާތީ، ޢަޛާބު ދެއްވުން އެކަށީގެންނުވާނެ ކަމަށް މިރަޢުޔު ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
މިރަޢުޔުގެ ޢިލްމުވެރިން ދެން ނަންގަވަނީ އިމާމް ސުޔޫޠީގެ ރައުޔެވެ. މަޝްހޫރު ޢިލްމުވެރިޔާ އިމާމް ޖަލާލުއްދީން އައް-ސުޔޫޠީ، މިކަމާބެހޭގޮތުން ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އިމާމް ސުޔޫޠީ ރަސޫލާގެ މައިންބަފައިން ދެފަހަރެއްގެ މަތިން ދިރުއްވައި، ރަސޫލާއަށް އީމާންވެ، އަލުން އަވަހާރަވީކަމަށް ބުނެ ބައެއް ޙަދީޘްތަކުން ދަލީލު ނަންގަވައެވެ. ނަމަވެސް މިފަދައިން އައިސްފައި ހުރި ޙަދީޘްތަކުގެ ޞައްޙަކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ.
މިބައިމީހުންގެ އަނެއް ދަލީލަކީ ރަސޫލާ ﷺ އައިސްފައިވަނީ ޠާހިރު ނަސަބެއްގެ ތެރެއިންކަމަށް ޤުރުއާން ހެކިދޭ ދިނުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޝުޢަރާ ސޫރަތުގެ 219 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ: “وَتَقَلُّبَكَ فِي السَّاجِدِينَ” މާނައީ: “އަދި ސަޖިދަ ކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސް މެއެވެ.”
މި އާޔަތުގެ ތަފްސީރުގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ރަސޫލާގެ ނަސަބުފުޅު ދެމިގެން އައިސްފައިވަނީ ޠާހިރު މުއުމިނުންގެ ތެރެއިން ކަމަށާއި، އެކަލޭގެފާނުގެ ބައްޕާފުޅާއި މަންމާފުޅުވެސް ހިމެނޭހެން، އެއްވެސް މީހަކު ކުފުރެއްގައި ނުވަތަ ޝިރުކެއްގައި ނެތް ކަމަށް މި އާޔަތް ދަލީލުކޮށްދޭކަމަށެވެ. މިހެންކަމުން، އެބޭކަލުން ސުވަރުގޭގައިވުމަކީ ރަސޫލާގެ ޝަރަފުވެރިކަން އިތުރުކޮށްދޭނެ ކަމެއް ކަމަށް މިޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
ކީރިތި ރަސޫލާގެ މަންމާފުޅާއި ބައްޕާފުޅު ވަނީ ނަރަކައިގައި ކަމަށް ބުނާ ޢިލްމުވެރިންގެ ދަލީލުތަކާއި އެހެން އެޢިލްމުވެރިން ބުނާ ސަބަބުތައް
އަހުލުއްސުންނާ ވަލްޖަމާޢަތުގެ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރަސޫލާ ﷺ ގެ މަންމާފުޅާއި ބައްޕާފުޅުވެސް ވަނީ ނަރަކައިގައެވެ. މި ރަޢުޔުގެ ޢިލްމުވެރިންގެ ދަލީލުތަށް ތިރީގައި ހިމަނާލާނަމެވެ.
މި ރަޢުޔުގެ ޢިލްމުވެރިންގެ ފުރަތަމަ ދަލީލަކީ އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ: أنَّ رَجُلًا قالَ: يا رَسولَ اللهِ، أيْنَ أبِي؟ قالَ: في النَّارِ، فَلَمَّا قَفَّى دَعاهُ، فقالَ: إنَّ أبِي وأَباكَ في النَّارِ. ” މީހަކު ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. ‘އޭ ﷲ ގެ ރަސޫލާއެވެ! ތިމަންގެ ބައްޕަވަނީ ކޮންތާކުހެއްޔެވެ؟’ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: ‘ތިބާގެ ބައްޕަވަނީ ނަރަކާގައެވެ.’ ދެންފަހެ، އެމީހާ އެތަނުން ދިޔުމަށް ހިނގައިގަތްހިނދު، އެމީހާއަށް ގޮވާލައްވައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: ‘ތިމަންކަލޭގެފާނުގެ ބައްޕާފުޅާއި ތިބާގެ ބައްޕަވަނީ ނަރަކާގައެވެ.'” (ޞަޙީޙް މުސްލިމް: 203) މިއީ ސީދާ އެކަލޭގެފާނުގެ ބައްޕާފުޅާ ބެހޭގޮތުން އައިސްފައިވާ ހަދީޘެކެވެ.
އެކަލޭގެފާނުގެ މަންމާފުޅާބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.
أتى رسولُ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ قبرَ أمِّهِ فبَكى وأبْكى من حولَهُ فقالَ رسولُ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ استأذنتُ ربِّي تعالى على أن أستغفرَ لَها فلم يؤذَن لي فاستأذنتُ أن أزورَ قبرَها فأذنَ لي فزوروا القبورَ فإنَّها تذَكِّرُ بالموتِ
މާނައީ: ރަސޫލާ ﷺ އެކަލޭގެފާނުގެ މަންމާފުޅުގެ ޤަބުރަށް ޒިޔާރަތްކުރެއްވިއެވެ. ދެންފަހެ އެކަލޭގެފާނު ކީރިތިކުރެއްވިއެވެ. އަދި އަރިހުގައި ތިއްބެވި ބޭކަލުންވެސް ކީރިތިކުރެއްވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު މަންމާފުޅަށް ފާފާފުއްސެވުމަށް އެދިވަޑައިގަތުމުގެ އިޒުނައަކަށް ތިމަންކަލޭގެފާނުގެ ރައްބަށް އެދުމުން އެކަން ތިމަންކަލޭގެފާނަށް މަނާކުރެވުނެވެ. ދެން އެކަމަނާގެ ޤަބުރަށް ޒިޔާރަތްކުރުމުގެ އިޒުނައަކަށް އެދުމުން އެކަމުގެ ހުއްދަ ތިމަންކަލޭގެފާނަށް ލިބިވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާރަތްކުރާށެވެ! އެކަމަކީ މަރު ހަނދުމަކޮށްދޭކަމެކެވެ.(ޞަޙީޙް މުސްލިމް: 976)
ދީނުގައި ފާފަފުއްސެވުން މަނާވެގެންވަނީ ޣައިރު މުސްލިމުންނަށެވެ. އެހެންކަމުން މި ރަޢުޔުގެ ޢިލްމުވެރިންނަށް މި ޙަދީޘުން އިތުރުބާރެއް ލިބިގެންދެއެވެ.
މީގެ އިތުރުން މި ރަޢުޔުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރަސޫލާގެ މައިންބަފައިން އަވަހާރަވިއިރު އެބޭކަލުން ތިއްބެވީ ޖާހިލިއްޔަ ޒަމާނުގައި، އެ ޤައުމުގެ މީހުން މާތްކުރާ ބުދުތަކަށް އަޅުކަން ކުރުންމަތީގައެވެ. އިސްލާމީ ޢަޤީދާގައި، ޝިރުކުގެ މައްޗަށް މަރުވާ މީހާ ނަރަކައަށް ވަންނާނެ ކަމީ ޘާބިތުވެފައިވާ ކަމެކެވެ. ނިސާ ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީ ކުރައްވާފައިވެއެވެ: “إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ” މާނައީ: “ހަމަކަށަވަރުން، ﷲ، އެއިލާހަށް ޝިރުކުކުރުމެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް އެއިލާހު އިރާދަކުރައްވާ އަޅަކަށް ފުއްސަވާދެއްވައެވެ.”
މީގެ އިތުރުން އަހުލުލް-ފިތުރާގެ ހުކުމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި އޮތް ޚިލާފުގެ ސަބަބުންވެސް މިބައިމީހުންގެ ދަލީލު ވަރުގަދަވެފައިވެއެވެ. ﷲ ތަޢާލާ އާޚިރަތުގައި އެބައިމީހުންނަށް އިމްތިޙާނެއް ކުރައްވާނެ ކަމަށް ބުނާ ރައުޔުތަކެއް ހުރި ނަމަވެސް، އެބައިމީހުންނަށް ﷲ ގެ ވަޙުދާނިއްޔަތު ވިސްނޭނެ ސިފައެއްގެ މައްޗަށް ބުއްދި ދެއްވާފައިވާތީ، އެބައިމީހުން ޝިރުކުން ދުރުވެ ތައުޙީދު ގަބޫލުކުރަން ޖެހޭނެ ކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
ކޮންމެއަކަސް ކީރިތި ރަސޫލާ ﷺ ގެ މަންމާފުޅާއި ބައްޕާފުޅުގެ ޢާޚިރަތުގެ ހާލަތަކީ އިސްލާމީ ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ދެފަރާތުގެ ޢިލްމުވެރިންވެސް އެބޭކަލުންގެ ދަލީލުތަކާއި ޝަރުޢީ ހުއްޖަތްތައް ދައްކަވައެވެ. މިކަމުގައިއޮތީ ވަކި ފަރާތެއްގެ ރަޢުޔު ޤަބޫލުކުރިނަމަވެސް އަނެއްފަރާތުގެ ރަޢުޔު ޤަބޫލުކުރާ ފަރާތްތަކަށްވެސް އިޙްތިރާމުކުރުމެވެ. މިފަދަ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ހުރިހާކަމެއް ދޫކޮށްލުމެވެ. އެއިލާހުގެ ޢަދުލުވެރިކަމާއި ރަޙުމަތްފުޅާމެދު އަހަރެމެން އެއްވެސް ޝައްކެއް ނުކުރަމެވެ. ރަސޫލާ ﷺ ގެ ބައްޕާފުޅާއި މަންމާފުޅަށްވެސް އާޚިރަތުގައި ކަންނިމިގެންދާނީ އެންމެ ޢަދުލުވެރިކޮށެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.