5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި

އަޔާން

އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާކޮށް، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވި މެމްބަރުން  އިގުރާރުގައި ސޮއެކޮށްފިއެވެ. މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައެވެ.

މިރަސްމިއްޔާތުގައި އަލަށް އިންތިހާބުވި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހިމް އެވެ. މިރަސްމިޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އިހަވަންދޫ ކައުންސިލްގެ ކުރީގެ ދައުރުތަކުގެ ކައުންސިލަރުންވެސް ބައިވެރިވެލެއްވިއެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ 1 ވަނަ ދައުރުގެ ރައީސް މުހައްމަދު ސަމީރު، އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް މުހައްމަދު ރަޝީދުގެ އިތުރުން ނިމިދިޔަ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ވެސް މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން އިހަވަންދޫގެ ބޮޑުކަތީބުކަން ކުރެއްވި ޢަަނީ ކަތީބުގެ އިތުރުން އަދުނާނު އަބުދުﷲ މިރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަކީ މިރަސްމިއްޔާތަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެކެވެ.

މިރަސް މިއްޔާތަށްފަހު ބޭއްވެ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ކައުންސިލްގެ ނައިބް ރައީސްގެ މަޤާމަށް ކައުންސިލަރަކު ހޮވާނެއެވެ. މިދައުރުގެ ކައުންސިލްގެ އެންމެ ތަފާތު އެއްކަމަކީ އަލަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެއް ކައުންސިލްގައި ހިމެނިގެން ދިއުމެވެ. އެއީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވި އައިޝަތު ސަމާހަތުއެވެ. ސަމާހަތުގެ އިތުރުން މުހައްމަދު ފިރާގުވެސް އިންތިހާބުވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް ފިރާގުވަނީ ރޭގެ ވަގުތެއްގައި ވެރިކަންކުރާ ޕީއެންސީއާއި ރަސްމީކޮށް ގުޅިފައެވެ. ކައުންސިލްގެ ރައީސް އަލީ ފަވާޒްގެ އިތުރުން ކައުންސިލަރު މޫސާ އަލީ އަދި ކައުންސިލަރު ނާސިރާ އަބުދުލް ވާހިދު އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ. އެހެންކަމުން ކައުންސިލްގެ މެޖޯރިޓީ އޮންނާނީ އެމްޑީޕީގެ ކައުންސިލަރުންނަށެވެ.