ނިމިދިޔަ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި ހަލީމަތު ހުރާސަތު، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމާ މެދު އަދިވެސް ގޮތެއް ނުނިންމެވޭކަން ހާމަވާފަދަ ބަޔާނެއް ނެރެފިއެވެ. އެބަޔާން އާންމުކޮށްފައިވަނީ ހުރާސަތުގެ ފޭސްބުކް އެކައުންޓުން ރޭގެ ވަގުތެއްގައެވެ.
ހުރާސަތަކީ ނިމިދިޔަ ލޯކަލް ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ އިންތިހާބުގައި، އިހަވަންދޫގެ ހުރިހާ ގޮނޑިއަކަށް “ރައްޔިތުންގެ ޓީމް” ގެ ނަމުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރި ކޯލިޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. އެ އިންތިހާބުގައި އެ ޓީމުން ގޮނޑި ކާމިޔާބުކުރެވުނީ އެންމެ 3 ކެންޑިޑޭޓުންނަށެވެ. އެއީ:
ހަލީމަތު ހުރާސަތު (އ.ތ.މ ކޮމިޓީގެ މެންބަރު)
މުހައްމަދު ފިރާގު (ކައުންސިލް މެންބަރު)
އައިޝަތު ސަމާހަތު (ކައުންސިލުން އަންހެނުންނަށް ހާއްސަ ކުރި ގޮނޑި)
މި 3 މެންބަރުންގެ ތެރެއިން ހުރާސަތާއި ފިރާގު ވަނީ މި ހިނގާ މޭ މަހުގެ 12 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ ސިޔާސީ ހަރަކާތެއްގެ ތެރެއިން، އެ ޕާޓީއަށް “ރަމްޒީކޮށް” ސޮއިކުރައްވާފައެވެ. އެ ދުވަހު ނެރުނު ބަޔާނެއްގައި ހުރާސަތު ބުނެފައިވަނީ، އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އޭނާގެ މަސައްކަތްތައް ބައްޓަންވާނީ މިހާރުގެ ސަރުކާރާއި ޕީއެންސީގެ ފަލްސަފާގެ މައްޗަށް ކަމީ ރައްޔިތުންނަށް އެނގޭ ހަގީގަތެއް ކަމަށެވެ. އަދި ޕީއެންސީއަށް ސޮއިކުރަން ނިންމީ ރައްޔިތުންގެ އަޣުލަބިއްޔަތުން ދިން މެންޑޭޓާ އެއްގޮތަށް ފާޅުގައި ޒިންމާ އަދާކުރުމަށްޓަކައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް، ރޭ ނެރުނު ބަޔާނުގައި ހުރާސަތުގެ ރާގު ވަނީ ބަދަލުވެފައެވެ. އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލީ ނަމަވެސް، އިންތިހާބުގެ ފަހުވަގުތު ދިމާވި ހާލަތްތަކުގެ ސަބަބުން އޭނާއަކީ ސަރުކާރުގެ ކެންޑިޑޭޓަކަށްވެ ނިމިފައިކަން އެއީ ދިމާއަށް އެގެންއޮތް ހަޤީގަތް ކަމަށް ވާތީ، ޕީއެންސީއަށް ރަސްމީކޮށް ސޮއިކުރުމަކީ އަމިއްލަ ނަފްސަށް ތެދުވެރިވުމަށް އޮތް ހަމައެކަނި މަގު ކަމަށް ދެކުނު ކަމަށެވެ. އެހެންނަމަވެސް، އެ ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނަމުންދާ ކަމަށާއި، މިކަމުގައި އޭނާގެ އާއިލާގެ ހިޔާލުވެސް ދެކަފިވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
“ވީމާ އަޅުގަނޑު އަދިވެސް މިދަނީ ވިސްނަމުންނެވެ. ވަގުތު އަދިވެސް އޮތަތީއެވެ، މަޖުބޫރެއް އޮތް ކަމަކަށް ނުވާތީއެވެ. އެންމެންނަށް އެއްބަސްވެވޭ ގޮތެއް ނުހެދުނަސް ރައްޔިތުންގެ ޝުއޫރު އަޑު އެހުމަކީ ނެތް ކަމެއް ނޫނެވެ. އަޅުގަނޑަށް ދަތިވަނީ ހަޤީގަތާ ދުރަށް ދާށެވެ.” ހުރާސަތުގެ ބަޔާން ނިންމައިލަމުން ބުނެފައިވެއެވެ.
“ރައްޔިތުންގެ ޓީމް” ގެ ފަރާތުން ކައުންސިލަށް ހޮވުނު އައިޝަތު ސަމާހަތު ވަނީ ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތްކަން ސާފުކޮށް ހާމަކުރައްވާފައެވެ. ސަމާހަތު ވިދާޅުވީ، އަމިއްލަގޮތުން އިންތިހާބުވެފަ ޕާޓީއަކ ގުޅުމަކީ އަމިއްލަ ނަފުސު ޤަބޫލުކުރާ ކަމެއްނޫން ކަމުގައެވެ.