ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާ ، މަރިޔަމް ރައްޔާ އަޙްމަދު މިއަދު ހަވީރު އިހަވަންދޫއަށް އައުމުން ރަތް ދޫލައިގެ ހޫނު ބަރުހަބާއެއް ކިޔައިފިއެވެ. މިއަދު ހަވީރު ރައްޔާއަށް މަރުހަބާ ކިޔަން އެތައް ސަތޭކަ ބަޔަކު ނުކުމެ ތިއްބެވެ.
ރައްޔާ އިހަވަންދޫއަށް ފޭބުމާއިއެކު ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ ރައްޔާގެ ބޮލުގައި ތާޖެއް އަޅުވައިފައެވެ. މަރުހަބާ ދަންންނަވަން ތިބި މީހުންގެ ތެރެއިން ރައްޔާ އަދި ރައްޔާގެ އާއިލާ ކުރިޔަށް އައިއިރު ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައިފައި ހުރިތަން ފެނުނެވެ.
މަޢްރިބް ނަމާދުވަގުތު ވަރަށް ބޮޑަށް ގާތްވެފައިވާތީ މަރުޙަބާ ދެންނެވުމުގެ ހަރަކާތް އަވަސްކުރިނަމަވެސް ކައުންސިލްގެ ރައީސްވަނީ، ރައްޔާ ކުރެއްވި ހިތްވަރަށް ސާބަސްދެއްވައި ހިތްވަރު ދެއްވައި ވާހަކަ ދައްކަވައިފައެވެ. ކައުންސިލްގެ ރައީސް ދެއްކެވި ވާހަކާގައި، މިއަދުގެ ހަރަކާތަށްވުރެ ފުރިހަމަ އިވެންޓެއް ރައްޔާގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާނެކަމަށް ވިދާޅުވިއެވެ. މަރުހަބާކިޔުމަށް މިއަދު ކުރިޔަށްގެންދިޔަ ހަރަކާތް ނިންމައިލީ ރައްޔާ އާއި އެކު ފޮޓޯނެގުމުގެ ހަރަކާތަކުންނެވެ.
އިހަވަންދޫގައި ޙާފިޡުން އުފެއްދުމަކީ އިހަވަންދޫ ކައުންސިލްގެވެސް ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން، އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޙާފިޡު ކަމުގެ ސަނަދު ހާސިލްކުރާ 3 މީހުންނަށް ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް އިހަވަންދޫ ކައުންސިލުން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. ހިތްތަކުގެ ނޫރުގެ ނަމުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އަންނަނީ ޙާފިޡުން އުފެއްދުމުގެ މަޤްސަދުގައި ޕްރޮގްރާމެއް ހިންގަމުންނެވެ