ހަލަބޮލި އިގުތިސާދެއް އޮތް އިހަވަންދޫގެ މަގުތަކުގެ ހާލަތު މިއަދު އޮތީ މިއިން ދުވަހަކު ވެސް ސިފަނުކުރެވޭހާ ދަށު ދަރަޖައަކަށް ވެއްޓިފައެވެ. ދުއްވާ މީހުންނާއި ހިނގާމީހުންނަށްވެސް މަގުތައް ބޭނުންކުރުމަށް ދަތިވާ ވަރަށް ވަޅުގަނޑުތައް ހެދި، ޗަކަ ޖަމާވެ މަގުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މިކަމުގެ ސަބަބުން ބައެއް އެކްސިޑެންޓްތައް ހިނަގައި ބައެއް މީހުންނަށް ހާނިއްކަވެ، ބައެއް މީހުންނަށް ދާން ބޭނުންވާތަންތަނަށް ނުދެވި، ރައްޔިތުންގެ އާންމު ދިރިއުޅުމަށްވަނީ ދަތިވެފައެވެ. މަގުތައް ޗަކަވެ އަޑިގުޑަން ހުރުމުގެ ސަބަބުން މިއަދު ހިނގި ހާދިސާއެއްގައި އާމިނާދިޔޯ ސިއްޙީމަރުކަޒުގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ހާނިއްކަވެ، އެނދުމަތިކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އެފަކީރަށް މަސައްކަތަށް ނުކުމެވޭނެ ދުވަހެއްވެސް ނޭގެއެވެ.
ފަހާފޮށީގެ ދަތްގަނޑެއް ތެޅޭ ފަދައިން މުޅި ހަށިގަނޑަށް ލޮޅުން އަރަމުންދާ ހާލު ބައިސްކަލް ދުއްވަމުން އައި މުހައްމަދުބޭ (80އ) ބުނީ އޭނާގެ މައިބަދަ އަކީ މިހާރު ނެތް އެއްޗެއް ކަމުގައެވެ. އެމަންޒަރު ބަލަންހުރި އާޒިމް (47އ)، އޭނާގެ ސައިކަލަށް އިށާރާތްކޮށް ބުނީ އެއީ މިހާރު ދުއްވަން ކަމުދާ އެއްޗެއް ނޫން ކަމަށާއި، އުޅަނދުތައް ހަލާކުވެ ފުނޑެނީ ކަމުގައެވެ. އެވަގުތު ގޯޅި އަޅަމުންދިޔަ އަހްމަދުބޭ (75އ) ބުނީ މިމަގުތަކުގައި ހިނގާފައި މިސްކިތަށް ދިއުމީ ހަނގުރާމައެއް ކުރުން ކަހަލަ ކަމެއްކަމުގައެވެ. މިއީ އެއްދުވަހެއްގެ އެއްވަގުތެއްގައި އާމުންގެ ފަރާތުން އިވިގެންދިޔަ ޝަކުވާއެވެ.
އިހަވަންދޫގެ ތާރީޚުގައި ރައްޔިތުން އެންމެ އުފާވި އެއް ދުވަހަކީ 2 އޭޕްރިލް 2023 އެވެ. އެއީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތާރުއެޅުމުގެ ބޮޑު މަޝްރޫއު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި ދުވަހެވެ. ޖުމްލަ 102.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 540 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއާއެކު، ރައްޔިތުންގެ ހިތްތަކަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންވަރު ރަނގަޅު، ހިއްފަސޭހަ މަގުތަކެއް ލިބޭނެ ކަމުގެ ފޮނި އުންމީދުގައި ރައްޔިތުން ތިބީ އިންތިޒާރުގައެވެ. މިއަދަކީ އޭގެ 1162 ދުވަސް ފަހެވެ. އެއްކަލަ 540 ދުވަހުގެ މުއްދަތު ހަމަވެ، އޭގެ ފަހުން ވެސް އެތައް ސަތޭކަ ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް އެއީ ކަރުދާހުގައި އޮތް 102.8 މިލިއަން ރުފިޔާގެ އުންމީދެކެވެ.
“ކޮންމެ ސިޔާސީ ފިކުރެއްހިނގާ އިހަވަންދޫ ރައްޔިތަކަށްވެސް ދެބަސްނުވެވޭނެ ހަޤީގަތަކީ 2 އޭޕްރިލް 2023 އަށްވުރެ، މިއަދު އިހަވަންދޫގެ މަގުތަކުގެ ހާލަތު އެތައް ގުނައެއް ގޯސްވެފައިވާ ކަމެވެ.”
އިހަވަންދޫގެ މަގުތައް ހަދަން ގެނަ ކުންފުންޏަށް މަގު ހެދުން ނޫން ހުރިހާކަމެއް މަތިމައްޗަށް ހަވާލުކޮށް ނިމިއްޖެއެވެ. ހޮސްޕިޓަލެއް އިމާރާތްކުރާށެވެ. ޕޮލިސް ސްޓޭޝަނެއް ހަދާށެވެ. ސްކޫލްގައި 12 ކޫލަސް ރޫމް ހަދާށެވެ. ފުޓްބޯޅަ ކުޅޭނެ ދަނޑެއް ތަރައްޤީކުރާށެވެ. އަދި މިނިމުނީއެއް ނޫނެވެ. އިހަވަންދޫގައި އެކުންފުނީގެ މަސައްކަތްތަކެއް ހިނގާތީ، އިހަވަންދޫގެ އޮތްހާ އޮތް އިޖުތިމާއީ ޒިންމާއަކާވެސް ހަވާލުވާން ޖެހޭނީ އެކުންފުންޏަށެވެ. އެކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނުނިންމުނަސް އިޖްތިމާއި ޒިންމާގެ ދަށުން ކުރާކަމަށްބުނާ ބައެއް ކަންކަން ނިންމައިފިއެވެ. އެއީވެސް ސެލިޔުޓް ހައްގުވަރެއް ކަންނޭގެއެވެ!
ކޮންމެއަކަސް އެކުންފުންޏާ ހަވާލުކުރި މަގުހެދުމުގެ މަސައްކަތުގެ ކޮޅެއް މެދެއް ނުފެނެއެވެ. މިއަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހާއި ހަމަޔަށް އިހަވަންދޫ ސައިޓްގައި އެކުންފުނީގެ 108 މުވައްޒަފުން މަސައްކަތްކުރަމުން ދާކަމަށް އެކުންފުނިން މައުލޫމާތު ދިނެވެ.
އިހަވަންދޫ ސައިޓްގެ މުވައްޒަފުންގެ މުސާރަޔަށް އެކަނި މަހަކު މިލިއަނެއް ހަރަދު ކުރިޔަސް، މަސައްކަތެއް ކުރެވޭނީ މަސައްކަތްކުރާނެ ސާމާނު ހުރެގެންނެވެ. މަސައްކަތްކުރާނެ ރޯމެޓީރިއަލް ހޯދާނެ ފައިސާނެތަސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތަހާބުގައިވެސް ފެނިގެންދިޔައީ ސަރުކާރުގެ ބޭނުމަށް ކުންފުނި “މޮޑެލި” ތަނެވެ. އަލަށް އެތައް އެސިސްޓެންޓް މެނޭޖަރުންނާއި ސްޕަވައިޒަރުން ވެއްދިއިރު، ޕްރޮމޯޝަންތައްވެސް އައީ، ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެންނެވެ.
މިވާހަކަ އިތުރައްދައްކާ ބަޔަކު ރުޅިއެރުވުމެއްނެތެވެ. ދައުލަތު ކުންފުނިތަކަކީ ހަމައެކަނި ސިޔާސީ މަންފާ ހާސިލްކުރަން ބޭނުންކުރާ ވަސީލަތަކަށް ހެދީމަ ވާނެ ހައެތި މިވަނީއެވެ. އިހަވަންދޫ ރައްޔިތުން ވަރަށް ހިތްވަރުގަދައެވެ. ބައެއް މީހުން ބުނާގޮތުގައި މަގުހެދުމުގެ ނަމުގައި އެމީހުންގެ ގޭދަށް މިހާރު 5-6 ފަހަރު ކޮނެފިއެވެ. ފަސްބާޑިފިލާ ހަމަޖެހިލާއިރަށް އަނެއްކާވެސް މަގުހަދާކުދިން ކޮންނަނީއެވެ.މިއީ މަސައްކަތްކުރާނެ ސާމާނު ހަމަޔަށް ނުލިބި، ލިބޭއެތިކޮޅަކުން މަސައްކަތްކުރާތީ ވާގޮތްކަމަށް ބައެއް މީހުން ބުނެއެވެ.
މިހުރިހާ ޝަކުވާއެއް ކޮށްފައިވެސް، އަޅުގަނޑާ ވާހަކަދެއްކި ގިނަމީހުން އާރުޑީސީއަށް ކުރާ ތައުރީފެއް އޮވެއެވެ. އެކުންފުނީގެ އިހަވަންދޫ ސައިޓްގައި މަސައްކަތްކުރާ ބައެއް ސްޓާފުންގެ މުރާލިކަމާ މަސައްކަތްތެރިކަމަށް ގިނަ ބަޔަކު ތައުރީފުކުރާކަން ފާހަގަކުރެވެއެވެ. ރަށުތެރެއިން އާމުން އަތުން ތަކެތި ހޯދައިގެންވެސް މަސައްކަތް ކުރެވޭތޯ، މެނޭޖަރު މަސައްކަތްކުރާކަމަށް ކިޔައެވެ. ޤަބޫލްކުރެވެނީ އެއީ “އެޕްރޫވަލް” ހޯދައިގެން ކުރާކަމެއް ކަމަށެވެ.
މަގުތައް ހަލާކުވުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަކީ ހަމައެކަނި ދެއްކޭ ވާހަކަތަކެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ފެންނަމުންދާ ހިތްދަތި ހަގީގަތްތަކެކެވެ. މަގުތަކުގައި ހެދިފައި ހުރި ފުން ވަޅުގަނޑުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، ރައްޔިތުންނަށް ދަނީ ބޮޑެތި ޖިސްމާނީ އަނިޔާތައް ވަމުންނެވެ. ވިޔަފާރިގެތަކަށް މިކަމުގެ ނޭދެވޭ އަސަރުކޮށް އިހަވަންދޫގެ އިގުތިސާދަށްމިދަނީ ނޭދެވޭ އަސަރުކުރަމުންނެވެ.
ރަށުގެ ރައްޔިތުންނާއި އެއްފަދައިން ރަށަށް އެކިއެކި ބޭނުމުގައި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިއީ މިހާރު އަންނަން “ފައްކާ” ރަށަކަށް ނުވެއެވެ. މަގުތަކުގެ ސުންފާ ކަމުންނެވެ.
އިހަވަންދޫ މަގުތަކުގެ ހާލަތު މިއަދު އޮތީ ހަމައެކަނި ސިޔާސީ ވައުދެއްގެ އިމުގެ ތެރެއަކު ނޫނެވެ. އެއީ ރަށުގެ އިގުތިސާދާއި، ކުރިމަޤާއި، ސިއްހަތާއި، އާންމު ސަލާމަތާ ގުޅިފައިވާ ބޮޑު ކާރިސާއެކެވެ. ރައްޔިތުންގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުންލާފައެވެ. ކަމާބެހޭ ފަރާތްތަކުންނާއި، އާރުޑީސީން އަދި ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ، ހުއްޓިފައިވާ މަޝްރޫއަށް ދިރުންދީ، އިހަވަންދޫ ރައްޔިތުންނަށް އަމާން، އޮމާން މަގުތަކެއް ހޯދައިދިނުމަކީ މިއަދު ދެން ފަސްކުރެވެން ނެތް މަޖުބޫރު ކަމެކެވެ.