ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ޗެމްޕިއަންކަން އުތީމު ހޯދައި އެޓީމުން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން ގެނެސްފިއެވެ. މިއީ މިމުބާރާތް ބޭއްވި 4 ވަނަ ފަހަރެވެ. ކޮންމެ އަހަރެއްގެވެސް ފައިނަލުގައި އުތީމް ކުޅުނު ނަމަވެސް މިއީ އެރަށަށް މިމުބާރާތުގެ ތަށި ހިއްލައިލެވުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ ރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އެޓީމްގެ މަޒީން އެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔަކަށް ހޮވުނީ ހޯރަފުށީގެ ޖާޒީ ނަންބަރު 11 ޢަލީ ޒިޔާދު އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އުތީމުގެ ކޯޗު ޢަލީ ހައިސަމްއެވެ. މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ދިއްދޫ އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމް އުތީމަށް ވާދައިގެ ތައްޓާއި، 35000.00 ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތަށްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުން ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމް މުރައިދޫ އަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދީފަވެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމް ދިއްދޫ އަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފަވެއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު އުތީމު ވެފައިމިވަނީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ. އެޓީމް މިމުބާރާތުގެ 4 ފައިނަލެއްގައި ކުޅެފައިވާއިރު އެއްފަހަރު މިވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ތިލަ އުތުރު ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި އުތީމް ބަލިކޮށް ފިއްލަދޫ ހޯދިއިރު، ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން އުތީމް ބަލިކޮށް ހޯދީ ވަށަފަރެވެ. ތިލައު އުތުރު 3 ވަނަ މުބާރާތުގެ ޗެމްޕިއަންކަން އުތީމު ބަލިކޮށް ހޯދީ އިހަވަންދޫއެވެ. އެއްވެސް ޓީމަކަށް 1 ފަހަރަށްވުރެ ގިނަ ފަހަރު މިމުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.