ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގަށް މިދިޔަ މެއި މަހުގެ 31 ގައި ގެނައި ހެޔޮ ބަދަލަށްފަހު، މިއަދު އަނެއްކާވެސް ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.
ޕެޓްރޯލް: ކުރިން ލީޓަރެއް 26.01 ރުފިޔާ އަށް ވިއްކަމުންދިޔަ ޕެޓްރޯލް އިން 6.62 ރުފިޔާ ހެޔޮކޮށް، މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 19.39 ރުފިޔާ އަށެވެ.
ޑީސަލް: ކުރިން ލީޓަރެއް 29.34 ރުފިޔާ އަށް ވިއްކަމުންދިޔަ ޑީސަލް އިން 5.90 ރުފިޔާ ހެޔޮކޮށް، މިހާރު ޑީސަލް ލީޓަރެއްގެ އަގަކީ 23.44 ރުފިޔާ އެވެ.
މިދިޔަ މެއި މަހުގެ ފަހުކޮޅު ޑީސަލް ލީޓަރަކުން 4.16 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.28 ރުފިޔާ ހެޔޮކުރުމަށްފަހު، މިއަދު މި ގެނައި ބަދަލަކީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގުން މިހާ ބޮޑު އަދަދެއް ހެޔޮކުރި ފުރަތަމަ ފަހަރެވެ. މި ބަދަލުތަކަކީ ހއ. އިހަވަންދޫ ފަދަ ސަރަހައްދުތަކުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން އާންމު ކަނޑު އުޅަނދުތަކަށް ވިއްކާ އަގުތަކަށް އައި ބަދަލުތަކެކެވެ. ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން އެއްގަމު އުޅަނދުތަކަށް (ސައިކަލާއި ކާރު ފަދަ) ޑިސްޕެންސަރުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް ހެޔޮވެގެންދިޔައީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ހެޔޮ ބަދަލާ ގުޅިގެންކަމަށް ބެލެވެއެވެ. ޚަބަރުތައް ބުނާގޮތުން، އަންނަ ހުކުރު ދުވަހު އެމެރިކާ އާއި އީރާނާ ދެމެދު ތާރީޚީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.
މި ސުލްހައިގެ އެއްބަސްވުމާއެކު މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ހިއްސާ އިތުރުވެ، ތެލުގެ ސަޕްލައި ބޮޑުވާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 80 ޑޮލަރަށް ވެއްޓިފައެވެ.