އައްޝައިޚް ޙާތިމް ޔޫސުފް ދެއްވާ ދީނީ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް ކުރިއަށްދާކަން އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތްތަކަކީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫގެ ޖަމްޢިއްޔާއެއް ކަމަށްވާ “ޔުނިޓީ” އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ތ.މ.ކ) ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތްތަކެކެވެ.
ޝައިޚް ޙާތިމްގެ މިސްކިތު ދަރުސްތައް މިއަދު މެންދުރު ނަމާދަށްފަހު “މަސްޖިދުއް ނަޞްރު” ގައި ވަނީ ފައްޓަވާފައެވެ. ދެން އެންމެ އަވަހަށް ދަރުހެއް އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު “މަސްޖިދުއް ތައުބާ” ގައެވެ. އަދި މިރޭގެ ޢިޝާ ނަމާދަށްފަހު “މަސްޖިދުއް ތަޢާވުން” ގައިވެސް ދަރުހެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާވެސް ޝައިޚްގެ ދެ ދަރުހެއް ކުރިއަށްދާނެއެވެ. އެގޮތުން މާދަމާ މެންދުރު ނަމާދަށްފަހު “މަސްޖިދު އަބޫބަކުރިނިއް ޞިއްދީޤް” ގައި ދަރުސް އޮންނައިރު، މި ދަތުރުގެ ފަހު ދަރުސް އޮންނާނީ މާދަމާގެ ޢަޞްރު ނަމާދަށްފަހު “މަސްޖިދު ޒުބައިދާ އަޙްމަދު” ގައެވެ.
މިސްކިތު ދަރުސްތަކުގެ އިތުރުން، އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން “ހިއަމިތުރު” ގެ ނަމުގައި ވޯކްޝޮޕެއްވެސް ކުރިއަށްދާނެއެވެ. މިރެ އާއި މާދަމާ ކުރިއަށްދާ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަން އޮންނާނީ މިރޭ 20:30 އިން 21:30 އަށެވެ. އަދި ދެވަނަ ސެޝަން ކުރިއަށްދާނީ މާދަމާ ހެނދުނު 10:30 އިން 11:30 އަށެވެ.
މި ވޯކްޝޮޕުން، ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނަންނޯޓުކުރާ އެންމެ ފުރަތަމަ 25 ފަރާތަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ނަންނޯޓުކުރަން ބޭނުންވާ ފަރާތްތަކުން 9746371 ނަންބަރު ފޯނަށް ގުޅުއްވުމަށް އިހަވަންދޫ ކައުންސިލުން އެދެއެވެ.