ހއ. އަތޮޅަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތެއް ހޯރަފުށީގައި ބާއްވަނީ

މުހައްމަދު މައުޒު

ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން، އިނާމަކަށް 100,000 (އެއްލައްކަ) ރުފިޔާ ހުށަހަޅާފައިވާ ބޮޑު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހއ. ހޯރަފުށީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މިއީ ހއ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތަކީ ހއ. އަތޮޅުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ އުސޫލުތައް ބުނާގޮތުން، އަތޮޅުގެ ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެންމެ ޓީމަކަށެވެ.

ހޯރަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މޫސާއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1,000 ރުފިޔާއެވެ.

މުބާރާތުގެ މުހިންމު ތާރީޚްތައް:

  • ޓީމްތައް ރަޖިސްޓްރީކުރުމުގެ ސުންގަޑި: 28 ފެބުރުއަރީ 2026، މެންދުރު 13:00
  • ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި: 30 މާރިޗް 2026، މެންދުރު 13:00
  • ޓީމް ލިސްޓަށް އިސްލާހް ހުށަހެޅުމުގެ ސުންގަޑި: 20 އޭޕްރީލް 2026، މެންދުރު 13:00
  • މުބާރާތް ފަށާ ތާރީޚް: 25 އޭޕްރީލް 2026

އެއްލައްކަ ރުފިޔާގެ ބޮޑު އިނާމަކާއެކު ބާއްވާ މި މުބާރާތަކީ އަތޮޅުގެ ފޯރިގަދަ ކުޅިވަރު ހަރަކާތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.