ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހަވަންދޫއަށް ވެވަޑައިގެންނެވި އެއް ރިޔާސީ ވައުދު ކަމަށްވާ، އައު އައިސްޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުން އިހަވަންދޫ އުނިކޮށް، މަސްވެރިންނަށް ބޮޑު މާޔޫސްކަމެއް ސަރުކާރުން ކުރިމަތިކުރުވައިފިއެވެ.
އިހަވަންދޫގައި އައު އައިސްޕްލާންޓެއް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމުގެ އުއްމީދު ރައްޔިތުންނަށް ލިބުނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ އެދުމުގެ މަތިން، އިހަވަންދޫ ކައުންސިލުން ވަނީ އައިސްޕްލާންޓް އެޅުމަށްޓަކައި 3,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ސަރުކާރާ ހަވާލުކޮށްފައެވެ.
އޭގެ ފަހުން، އެ އަހަރުގެ އޯގަސްޓް މަހު މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ އިހަވަންދޫ ހިމެނޭހެން ރާއްޖޭގެ 4 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބައިނަލްއަގުވާމީ ބީލަމަށްވެސް ހުޅުވާލާފައެވެ. އެ ފަހަރު އިއުލާންކުރި 4 ރަށަކީ:
ހއ. އިހަވަންދޫ
ހއ. ދިއްދޫ
އއ. ރަސްދޫ
ގދ. ރަތަފަންދޫ
ނަމަވެސް، ދެ އަހަރެއްހާ ދުވަހުގެ އިންތިޒާރަށްފަހު ސަރުކާރުން ފައިނަލް ކުރި 15 ރަށުގެ ލިސްޓުން، ކުރިން އެކުގައި ބީލަމަށްލީ ދިއްދޫ، ރަސްދޫ އަދި ރަތަފަންދޫއަށް 30 ޓަނުގެ އައިސްޕްލާންޓް ލިބޭއިރު، އިހަވަންދޫ ވަނީ ލިސްޓުން އުނިކޮށް ބާކީކޮށްލާފައެވެ.
މިނިސްޓަރު އަހުމަދު ޝިޔާމް ހާމަކުރެއްވި ގޮތުގައި، ސަރުކާރުން އަލަށް ބަހައްޓާ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ ބެހިގެންވަނީ އަންނަނިވި ގޮތަށެވެ:
5 ޓަނު: ބ. ކުޑަރިކިލު
10 ޓަނު: ލ. ހިތަދޫ، ލ. މާވަށު
30 ޓަނު: ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ކ. ގާފަރު، މ. މުލައް، ދ. ހުޅުދެލި، ގއ. ނިލަންދޫ، ގއ. ވިލިގިލި، ގއ. ދާންދޫ
40 ޓަނު: ޅ. ނައިފަރު
ގަބޫލުކުރެވޭ ގޮތުގައި އިހަވަންދޫއަށް މިފަދަ ބޮޑު އިހުމާލެއް ސަރުކާރުން ވަމުންމިދަނީ، ރަށުގެ ސިޔާސީ މަސްރަހުގައި ތިއްބެވި ވެރިން “ބޮޑުވަރިހަމަ” އުސޫލެއް ގެންގުޅުއްވައި، ރަށުގެ ހައްގުގައި އަޑުއުފުލުމަށް ނުކުޅެދިފައިވުމުގެ ސަބަބުންނެވެ. ބިންދޫކޮށް، އިދާރީ މަރުހަލާ ނިމެންވެފައި އޮތް މަޝްރޫއެއް އަތުން ބީވެގެންދިޔައިރު، ސިޔާސީ ވެރިންނަށް މިކަން ރޭކައިލީހެނެއް ހިއެއްނުވެއެވެ.
އިހަވަންދޫއަކީ އުތުރުގެ އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރާ އެއް ރަށަށް ވާއިރު، މިފަދަ އަސާސީ ވަސީލަތްތަކުން ރަށް މަހުރޫމްކުރުމަކީ ރަށުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކުރާނެ ކަމެކެވެ.