ހއ. ދިއްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ދިއްދޫގައި މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސަޢުދީގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އަޅައިގެން ޕިޗު ތަރައްޤީކުރުމާއި، ބައުންޑަރީ ފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމާއި، ސަޕޯޓަރުންނަށް ޚާއްޞަ ރޮސްޓްރަމްއެއް އިމާރާތްކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ޖުމްލަ 28.50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ދިއްދޫގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ބާރު ދުވެލީގައި ހިންގަމުންނެވެ. އެގޮތުން އެރަށުގައި އަލަށް އިމާރާތްކުރާ އަތޮޅު ހޮސްޕިޓަލުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، މިއަހަރުގެ ކުރީކޮޅު ވަނީ އެންމެ 50 ދުވަހުގެ ތެރޭގައި އެރަށުން 112 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ވެސް ނިންމާލާފައެވެ.
މި ފުޓްބޯޅަ ދަނޑަކީ ދިއްދޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ހުޅުވިގެންދާ މުހިންމު ފުރުޞަތެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.